އެމެރިކާ މީހަކު ބުނި އަގަށް ކާރު ނުވިއްކުމުން ސައުދީ ދަރިވަރަކު މަރައިލި މީހާ އުމުރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
އެމެރިކާ މީހަކު ބުނި އަގަށް ކާރު ނުވިއްކުމުން ސައުދީ ދަރިވަރަކު މަރައިލި މީހާ އުމުރަށް ޖަލަށް
އެމެރިކާގެ ކެލިފޯނިއާ މީހަކު ބޭނުންވި އަގަށް ކާރު ވިއްކަން އެއްބަސް ނުވުމުން ސައުދީ ދަރިވަރަކަށް ވަޅިން ހަމަލާދީ މަރައިލި މީހާ އުމުރަށް ޖަލަށް ލުމަށް މާދަމާ ޙުކުމް ކުރާނެ ކަމަށް ބެލެވެއެވެ.

ކެލިފޯނިއާ ޔުނިވަރސިޓީގައި އިންޖިނިއަރިންގގެ ދާއިރާއިން ކިޔަވަމުން ދިއަ ދަރިވަރަކު ކިޔެވުން ނިންމައި އެނބުރި ޤައުމަށް ދާން ބޭނުންވުމުން އޭނާގެ ކާރު ވިއްކާލަން ބޭނުންވެގެން ސޯޝަލް މީޑިއާގައި އިއުލާނުކުރުމުން ކާރު ގަންނަން ބޭނުންވެގެން އޭނާ އާއި ބައްދަލުކުރި މީހާ ދަރިވަރަށް މަޖުބޫރު ކުރީ އޭނާ ބޭނުންވާ އަގަށް ކާރު ވިއްކުމަށެވެ.

އެކަމަށް ދަރިވަރު، ޢަބްދުﷲ ޢަބްދުއްލަޠީފް އަލްޤަދީ އެއްބަސްނުވުމުން 2014 ވަނަ އަހަރު ވަނީ އޭނާގެ ކާރާއެކު ވަގަށް ނަގައިފައެވެ. އެއިގެ މަހެއްހައި ދުވަސްފަހުން އަލްޤަދީގެ ހަށިގަނޑު ފެނުނީ ގިނަ އަދަދެއްގެ ޒަޚަމްތަކަކާއިއެކުގައި މަގުމައްޗަށް އެއްލާލާފައި އޮއްވައެވެ.

މި ބޮޑު ޖަރީމާ ހިންގި އުމުރުން 29 އަހަރުގެ އޮގަސްޓިން ރޮޒެންޑޯ ފަރނަންޑެޒް ފުލުހުން ހައްޔަރުކުރީ އަލްޤަދީގެ ކާރު އޭނާގެ ގޭގެ ކުރިމަތީގައި ޕާކުކޮށްފައި ފެނުމުންނެވެ.

ކޮންމެ އަހަރަކުވެސް ސައުދީގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެކިއެކި މިފަދަ ސަބަބުތަކާއި ހުރެ އެމެރިކާގައި މަރާއި ކުރިމަތިލާންޖެހެއެވެ.
މިއަދު އޮންލައިން