ޢާއިލީ އަބުރު ޙިމާޔަތްކުރަން އަންހެން ދަރިފުޅާއި ދަރިފުޅުގެ ފިރިމީހާ އާއި އަވަށްޓެރިއަކު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޢާއިލީ އަބުރު ޙިމާޔަތްކުރަން އަންހެން ދަރިފުޅާއި ދަރިފުޅުގެ ފިރިމީހާ އާއި އަވަށްޓެރިއަކު މަރާލައިފި
ޢާއިލާގެ ހުއްދަ ނެތި ކައިވެނި ކުރުމުން "ޢާއިލީ އަބުރު" ހިމާޔަތްކުރުމުގެ ނަމުގައި 18 އަހަރުގެ އަންހެން ދަރިފުޅާއި ދަރިފުޅުގެ ފިިރިމީހާ އަދި އެކައިވެންޏަށް ތާއީދުކުރި އަވަށްޓެރިއަކު މަރާލައިފިއެވެ.

ޕާކިސްތާނުގެ ލާހޫރަށް ނިޞްބަތްވާ މި ދެމަފިރިން ކައިވެނިކުރީ މީގެ ދޮޅު އަހަރެއްހައި ދުވަސްކުރިންނެވެ. ކައިވެނިކޮށްގެން ދުރު ސަރަހައްދެއްގައި ދިރިއުޅުމަށްފަހު ލާހޫރަށް އައީ ޢާއިލާ އިން ދޫދީ މައްސަލަ ހަމަޖެހޭނެ ކަމުގެ އުންމީދުގައެވެ.

މިކަމަށްޓަކައި މަޝްވަރާ ކުރުމަށް ދެއްކި ވާހަކަތަކުގައި އަންހެން ކުއްޖާގެ ބައްޕަ ރުޅި ގަދަވެ ބަޑިޖަހައި ދަރިފުޅާއި ދަރިފުޅުގެ ފިރިމީހާ އަދި އަވަށްޓެރިޔާ ވެސް މަރައިލީއެވެ. މީނާއަކީ ސެކިޔުރިޓީ ބެލެހެއްޓުމުގެ ވަޒީފާ އަދާކުރާ މީހަކަށްވާތީ ބަޑި ގެންގުޅުމުގެ ހުއްދަ މީނާއަށް އޮވެއެވެ.

3 މީހުން މަރައިލުމަށްފަހު ބައްޕައާއި ދޮށީ ދަރިފުޅު ވަނީ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ. ބެލެވޭ ގޮތުން ފުލުހުންނާއި އަމިއްލައަށް ހަވާލުވީ މިފަދަ ކަންކަމާއި ދެކޮޅު އެކްޓިވިސްޓުން ދީފާނެ ހަމަލާއަކުން ސަލާމަތް ވުމަށެވެ.

ހަމަ އަބުރު ރައްކައުތެރިކުރުމުގެ މައްސަލައެއްގައި ލާހޫރުގައި މަންމަ އަކު ވަނީ ބުރާސްފަތި ދުވަހު އޭނާގެ އަންހެން ދަރިފުޅު ދިރިހުއްޓައި އަންދާލައިފައެވެ.

ޕާކިސްތާނަކީ މިފަދަ މައްސަލަތައް އެންމެ ގިނައިން ހިނގާ އެއް ޤައުމެވެ. ޕާކިސްތާނުގެ ދީނީ އިލްމުވެރިންނާއި ސަރުކާރު ވަނީ މިފަދަ އަމަލުތައް ހުއްޓުވުމުގައި ނުކުޅެދިފައެވެ.

މިފަދަ ކަންކަމާއި ގުޅިގެން ގިނަ ބައަކު ބުނަނީ އެމީހަކު ލޯބިވާ މީހަކާއި ކައިވެނި ކުރުމަކީ އަބުރާއިބެހޭ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަބުރުގެ މައްސަލައެއް ކުރިމަތިވާނީ ކައިވެންޏާއި ނުލައި ނުކުރުމަށް ﷲ އަންގަވާފައިވާ ކަމެއް ކޮށްފިނަމަ ކަމަށެވެ.

އެފަދަ ހާލަތުގައިވެސް އަމިއްލައަށް މަރުގެ އަދަބު ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.

މި ދެ ހާދިސާ އާއި ގުޅިގެން ބޮޑުވަޒިރުގެ އޮފީހުން ވަނީ ކަންބޮޑުވުން ފައުޅުކޮށް މިފަދަ އަމަލުތައް ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
މިއަދު އޮންލައިން