މިއަހަރުގެ ރަމަޟާންމަހުގެ މިހައިތަނަށް ބަލާއިރު ކައުއިތުރު ރަސޫލާ، މުޙައްމަދު (ޞޢވ)ގެ މިސްކިތްކޮޅު، މުސްލިމުންގެ 2 ވަނަ ހަރަމްފުޅު ކަމުގައިވާ މަސްޖިދުއްނަބަވީން ދުވާލަކު 45 ޓަނަށްވުރެ ގިނަ ކުނި އުކާލަންޖެހެއެވެ.
މިއަދަދު މިހައިވަރަށް އިތުރުވެފައި މިވަނީ ރޭގަނޑުގެ ވަގުތުތަކުގައި މަސްޖިދުއްނަބަވީގައި ތިބޭ މީހުންގެ ކެއިން ބުއިމަށް ގިނަ އަދަދެއްގެ ބާވަތްތައް ބޭނުންކުރާތީއެވެ.
ރަމަޟާން މަސް ފެށުނީންސުރެ މަސްޖިދުއްނަބަވީ ސާފުކުރުމަށް ޝިފްޓެއްގައި 1320 ފިރިހެނުންނާއި 200 އަންހެނުން މަސައްކަތްކުރެއެވެ. މަސައްކަތަށް އެކިވަރުގެ 300 އަށްވުރެ ގިނަ މެޝިން ބޭނުންކުރެއެވެ.
މަސްޖިދުއްނަބަވީ ސާފުކުރުމަށް ސަލްމާނު ރަސްގެފާނުގެ ގަނޑުވަރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ. އެގޮތުން މަސްޖިދުއްނަބަވީގެ އެތެރެއާއި ބޭރާއި ފުރާޅާއި ދިޔަދޮވިތައް ސާފުކުރުމުގެ މަސައްކަތަށް 5000 އަށްވުރެ ގިނަ މުވައްޒިފުން ވަނީ ކަނޑައަޅުއްވައިފައެވެ.
އުމުރާވުމަށް މަދީނާއަށްދާ މީހުން ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ މަސްޖިދުއްނަބަވީގައެވެ. އާންމުކޮށް މަސްޖިދުއްނަބަވީން މީހުން ނުކުންނާނީ ހެނދުނު ޟުޙާ ނަމާދުކުރުމަށްފަހުއެވެ.
ބައެއް މީހުން ޢަޞްރު ނަމާދުން ފެށިގެން ތިބެނީ މިސްކިތްކޮޅުގައެވެ. ބައެއް މީހުން މިސްކިތްކޮޅަށް ދަނީ މަޣްރިބް ނަމާދު ވަގުތު ޖެހުމުގެ ގަޑިއެއްހާއިރު ކުރިންނެވެ. ދިއުމަށްފަހު މަޑުކުރަނީ މިސްކިތްކޮޅުގައެވެ.