ވަލީ އާއި ނުލައި ކައިވެނިކުރުމުން ގަލުންތަޅައި މާބަނޑު އަންހެން ދަރިފުޅު މެރުމުގެ ކުށުގައި ބައްޕައާއި އިތުރު 4 މީހަކު ޕާކިސްތާނުގެ ލާހޯރުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އުމުރުން 25 އަހަރުގެ ފަރްޒާނާއަށް ގާބުރިތަކުން ހަމަލާދިނީ އޭނާގެ ފިރިމީހާ އޭނާ ވަގަށް ނަގައިގެން އުޅޭކަމަށްބުނެ އޭނާގެ ބައްޕަ ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ބަޔާން ދިނުމަށް ކޯޓަށް ވަންނަންދިއަ މަގުމަތިން ކޯޓުގެ ގޯތިތެރޭގައެވެ.
މިހާދިސާ ހިންގާފައިވަނީ މެއި މަހުގެ 27 ވަނަ ދުވަހު އެވެ. މަންޒަރު ބަލަން އެތައް ބައަކު ތިއްބައި އެންމެންގެ ކުރިމަތީގައެވެ. ނަމަވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެއް ނުވެއެވެ.
ފަރްޒާނާގެ ފިރިމީހާ މުޙައްމަދު އިޤްބާލް ބުނީ މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތްދަތިކަން ކަމަށާއި އަދުލު އިންސާފު ޤާއިމުކުރެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ކިތަންމެ ބޮޑު އަދަބެއް ކުށްކުރިމީހުންނަށް ދިންނަމަވެސް އޭނާގެ ދަރިފުޅާއި އަނބިމީހާ ގެއްލިދިއައީ ކަމަށެވެ. "އަހަރެންނަށް އޮތީ ދުޢާކުރުން. އަހަރެން އަނބިމީހާއަށްޓަކައި ދުޢާކުރުންމަތީގައި ދެމިހުންނާނަން."
އިޤްބާލް ބުނީ އެތައް ބައެއްގެ ކުރިމަތީގައި ހިންގި މި ބޮޑު ޖަރީމާގެ މައްސަލަ ކޯޓުން ނިންމާނީ ކޮންގޮތަކަށްކަން ނުއެނގޭ ކަމަށާއި ކޮންމެ އަހަރަކު އެތައް ސަތޭކަ އަންހެނުން މިފަދަ ގޮތްގޮތަށް މަރަމުން ގެންދާއިރު ފުލުހުންނާއި ކޯޓުތަކާއި ޤާނޫނު އޮންނަނީ ނިދާފައި ކަމަށެވެ.