އެމެރިކާގެ ފްލޮރިޑާގައި ހިންގާ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ނައިޓް ކްލަބަކަށް ހަމަލާދީ 50 މީހުން މަރައި މިފަދަ ހާދިސާއެއްގައި އެމެރިކާގައި މީހުން މެރުމުގެ ރެކޯޑް ހަދައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާދިން މީހާ ވެސް މަރުވެފައިވާ މިހާދިސާގައި މިހަމަލާގައި މަރުވި މީހުންގެ އިތުރުން 50 އަށްވުރެ ގިނަ މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
ޕަލްސް ނައިޓް ކްލަބް ނަމަކަށް ކިޔާ މިނައިޓް ކްލަބަށް ވަދެ ހަމަލާދިނީ އެންމެ މީހެކެވެ. އޭނާ އެތައް ވަނީ ޒަމާނީ ރައިފަލަކާއި އެހެންވެސް ބައެއް ހަތިޔާރު ހިފައިގެންނެވެ. އޭނާ މަރުވީ ފުލުހުންނާއިއެކު ހިނގި ކުރިމަތިލުންތަކުގައެވެ.
މިހައިތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހަމަލާ ދިނީ ނިޔުޔޯކަށް ނިޞްބަތްވާ އަފްޣާނިސްތާނަށް އުފަން މީހެކެވެ. މިއަދު ފަތިހު 5:00 ހާއިއިރު ހިންގި މިހާދިސާ އާއި ގުޅިގެން ފްލޮރިޑާގައި ވަނީ ސްޓޭޓް އޮފް އިމަރޖެންސީ ހިންގައިފައެވެ.
އެފްބީއައި އިން ބުނެފައިވަނީ ތަޙްޤީޤަށް ހުރަސް އެޅިދާނެތީ ހާދިސާ ހިންގި މީހާގެ ނަން އަދި ހާމަނުކުރާނެ ކަމަށެވެ. "އަދި މާއަވަސް މިއީ ޓެރަރިސްޓް ހަމަލާއެއްކަން ނުވަތަ އެއްޖިންސުން ގުޅުން ހިންގުމާ ދެކޮޅު މީހަކު އެކަމުގެ ރުޅިވެރިކަމުގައި ދިން ހަމަލާއެއްކަން ކަނޑައަޅަން."
ބައެއް މީޑިއާތަކުން ބުނެފައިވަނީ ހަމަލާދިނީ އުމުރުން 29 އަހަރުގެ އުމަރު މަތީން ނަމަކަށް ކިޔާ އިސްލާމީ ހަރުކަށި އުޞުލުތަކުގެ ޒުވާނެއް ކަމަށެވެ. އަދި އޭނާ ރުޅިގަދަވީ އެތަނުގައި ހިންގާ އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތަކުގެ ސަބަބުންނެވެ.