އިނގިރޭސި ވިލާތުގެ ގެއްލިފައިވާ މަޤާމް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 4މ 32ސ
އިނގިރޭސި ވިލާތުގެ ގެއްލިފައިވާ މަޤާމް
ކޮލޯނިއަލް ޒަމާނުގެ ފަހުން އެ ޤައުމުގެ ވެރިން އުފަލާއެކު ފާހަގަކުރި ގޮތުގައި ދުނިޔޭގެ ޤައުމުތަކަށް އޮތް،އެ ޤައުމުގެ ނުފޫޒު އިތުރުވެގެން ދިއުމަކީ ޔުނައިޓަޑް ކިންގްޑަމްގެ ހައިބަތަށް ލިބުނު ކުރިއެރުމެކެވެ. އެހެންނަމަވެސް މި ނުފޫޒު މިހާރު ނެތްކަމަށް ފާހަގަކުރެވެއެވެ. މިގޮތުން، އިނގިރޭސި ވިލާތުގެޒަޢާމަތާ ހަވާލުވާ ކޮންމެ މީހަކަށް ކުރިމަތިވާނެ އެންމެ ބޮޑު ސުވާލަކީ ބައިނަލްއަޤްވާމީ ގޮތުން އިނގިރޭސި ވިލާތުގެ ދައުރަކީ ކޮބާކަމެވެ. ނަމަވެސް މި ސުވާލުގެ ޖަވާބު އެޤައުމުގެ ވެރިންނަކަށް ނުދެވެއެވެ. އެއީ ދުނިޔޭގައި އިނގިރޭސި ވިލާތަށް ލިބިފައިވާ މަޤާމު ހީނަރު ވެގެންދިއައީ ރަނގަޅު ޤައުމީ އަދި ސިޔާސީ ތަޞައްވަރެއް ނެތުމުގެ ސަބަބުންނެވެ.

މިހާރުގެ ބޮޑު ވަޒީރު، ޑޭވިޑް ކެމެރަން އިންތިޙާބު ވުމާ ގުޅިގެން އެންމެ ފުރަތަމަ އެމަނިކުފާނު ކުރެއްވި ކަމަކީ ސްޓްރެޓަޖިކް ޑިފެންސް އެންޑް ސެކިއުރިޓީ ރިވިއު ކުރެއްވުމެވެ. މިއާއެކު ބައިނަލްއަޤްވާމީ މަޝްރަޙުގައި އޮތް މަސްއޫލިއްޔަތު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް ވަޢުދުވިއެވެ. އިނގިރޭސި ވިލާތުގަމިހާރު ހެދިފައިވާޚާރިޖީ ސިޔާސަތަކީ ކުރީގެ ސޯވިއަޓް ޔުނިއަންގެ ސިޔާސަތާ އެއްގޮތް ސިޔާސަތެކެވެ. މި ސިޔާސަތު އެކުލަވާލެވިފައިވަނީ މާނައެއްނެތް މާއްދާތަކަކުންނެވެ. މީގެ ސަބަބުން މިކަރުދާސް ކިޔާލައި ކިޔުންތެރިންނަށް ހަޤީގަތް އޮޅިގެންދެއެވެ.

އިނގިރޭސި ވިލާތުގެ 2010 ވަނަ އަހަރުގެ ސްޓްރެޓަޖިކް ރިވިއުގެ ސަބަބުން އެތަނުގެ ދިފާއީ ކަންކަމަށް ޚަރަދު ކުރެވޭ މިންވަރު 8% އިން ދަށްކުރެވިގެން ދިއައެވެ. މީގެ ސަބަބުން އިނގިރޭސި ވިލާތް ވެއްޓިގެންދިޔައީ ދުނިޔޭގެ ނިސްބަތުން ދިފާއީ ކަންކަމަށް ޚަރަދުކުރާ ޤައުމުތަކުގެ ތެރެއިން 6 ވަނަ ދަރަޖައަށެވެ.

ތާރީޚުގައިވެސް އެންމެ ފުރަތަމަ ފަހަރަށް 2013 ވަނަ އަހަރު، އިނގިރޭސި ވިލާތުގެ ޕާލަމަންޓުން ސީރިއާގައި ބާރުގެ ބޭނުންކުރުމާ ދެކޮޅު ހެދިއެވެ. މި ނިންމުމާ ގުޅިގެން މެދު އިރުމަތިން އިނގިރޭސި ވިލާތާ މެދު ދެކޭގޮތް ބަދަލުވެ ބައިނަލްއަޤްވާމީ ގޮތުން ކުރިއަށް ގެންދަންޖެހޭ އަސްކަރީ އޮޕަރޭޝަންތަކުގައި އެޤައުމުން ކުޅޭ ދައުރަށް ހުރަސްއެޅިގެންދިއައެވެ.

އެމެރިކާގެ ފަރާތުން އިރާންއާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުންތަކުގައި އިނގިރޭސި ވިލާތުން ވަރަށް މުހިންމު ދައުރެއް އަދާ ކުރިއެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތުގެ ބަދަލުގައި ފަރަންސޭސިވިލާތުން އެ އެއްބަސްވުމުގަ ހިމެނޭ ކަންކަމަށް ޝައުޤުވެރިކަން ފާޅުކޮށް، އެމެރިކާއަށް އެއްބާރުލުންދިނެވެ.އަދި ފަރަންސޭސިވިލާތަކީ މިހާރު ސަޢޫދީ އަރައްބިއްޔާއާ ގަލްފް ސަރަޙައްދުގެ ރަށްތަކާއެކު ހަތިޔާރު ގަނެ ވިއްކުމުގަ އަސްކަރީ އެންމެ ގާތް ގުޅުން ދަމަހަށްޓާ ޤައުމެވެ. ފަރަންސޭސިވިލާތުން ވަނީ މިކަމުގަ އިނގިރޭސި ވިލާތުގެ އެހީއަށް އެއްފަހަރު އެދިފައެވެ.

މީގެ އިތުރުން، އިނގިރޭސި ވިލާތުންވަނީ އެމެރިކާއާ އެޤައުމާ ދެމެދު އޮތް ކުރިމަގުގެ ގުޅުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. ފާހަގަކުރެވިފައިވާގޮތުގައި ކެމެރަން ވަރަށް ގިނައިން ޤައުމީ ރައްކާތެރިކަމާ ބެހޭކަންކަމުގައި ރައީސް ބަރަކް އޮބާމާގެ ޚިޔާލުފުޅު ހޯއްދަވައެވެ.

ޔޫރަޕްގައި މިފަހުގެ ތާރީޙުގައި ކުރިމަތިވި އެންމެ ބޮޑު ކަމަކީ ޔޫކްރޭންގެ ހަމަނުޖެހުމެވެ. މިކަމުގައި އިނގިރޭސިން ތިބީ ބަލާށެވެ. އަދި ފަރަންސޭސިންނާއި ޖަރުމަނުން މިމައްސަލަތެރެއަށް ވަދެ ހައްލުކުރަން މަސައްކަތްކުރިއިރު އިނގިރޭސިންތިބީ މަޝްވަރާ އަޑުއަހާށެވެ. މީގެން އިންގިގެންދަނީ ޔޫރަޕްގައި ގެއްލެމުންދާ އިނގިރޭސިންގެ ނޫފޫޒެވެ.

މިހާރު އިނގިރޭސިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑުކަމަކީ އިޔޫގައި ދެމި ތިބުމާއި ވަކިވުމާއި ގުޅޭ ވޯޓްއެވެ. އާދެ މަޝްހޫރު 'ބްރެކްޒިޓް' ވޯޓްއެވެ. މިއަދުވެސް އިނގިރޭސިން އެންމެ ބޮޑު ވިޔަފާރިއެއް ހިންގާ ޤައުމުތަކަކީ ވިލާތުގެ ޤައުމުތަކެވެ. ވިލާތުގެ އިންތިހާދުން އިނގިރޭސިން ނުކުތުމަކީ އެމީހުންގެ ކުރިމަގަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ވޯޓް ކޮންމެގޮތަކަށް ނިމިގެން ދިޔަކަމުގައިވިޔަސް މިހާރުގެ ޕްރައިމިނިސްޓަރުގެ މަޤާމުގައި ހުންނާނެ ދުވަސްތައް އެދަނީ ގުނަމުންނެވެ. ނޭނގެނީ ވަޒީފާ ގެއްލޭނީ ކޮންދުވަހެއްކަމެވެ.

އިނގިރޭސި ވިލާތުން ދަޢުވާ ކުރާގޮތުގައި އިސްލާމިކް ސްޓޭޓޭ ކިޔައިގެންއުޅޭ ޖަމާޢަތާ ދެކޮޅަށާ މެދުއިރުމަތީގަ އުޅޭ ސީރިއާ ޓެރަރިސްޓުންނާ ދެކޮޅަށް ކުރާ ހަނގުރާމާއިގަ އެންމެ އިސްނަގައިގެން އުޅެނީ އެޤައުމުންނެވެ. ނަމަވެސް ހަޤީގަތަކީ އެ ޤައުމުގެ ފަރާތުން ހަރާކާތްތެރިވަނީ އެއް ދުވަހަށް އެންމެ ބޮންއަޅާ މިޝަން އެއް ނިންމޭ ވަރަށް އެންމެ 8 ޖެޓެވެ.

އިނގިރޭސިންނަކީ އެހީ ފޯރުކޮށްދިނުމުގައި އަދިވެސް ރަނގަޅު މަސައްކަތްތަކެއް ކުރާ ބައެއް ކަމަށް ބެލެވެއެވެ. ނަމަވެސް އޭޝިއާގެ ކުދި ޤައުމުތަކަށް އިނގިރޭސިންގެ ކޮމަންވެލުތުގެ ތެރޭން ފޯރުވަނީ އެހީއަށްވުރެ ނުހޮރުއްޕާނެވެ. މިކަމުގައިވެސް ގެންގުޅެނީ ދެފުށް ދެގޮތް ސިޔާސަތެކެވެ.އިންސާނީ ހައްޤުތަކަށް ފަރުވާ ކުޑަ ޤައުމުތައް ހުއްޓާ އެއަށްވުރެ ބޮޑު، މައްސަލަ ނެތް ޤައުމުތައް ދުނިޔޭގެ ކުރިމަތީ ފަޟީހަތްކުރަމުން ގެންދަނީ އިނގިރޭސިން އަޑީގައި ތިބެގެން އެމީހުންގެ އަމިއްލަ މަޞްލަޙަތުގައިކަން މިއީ އެންމެން ދަންނަ ހަޤީޤަތަކެވެ.

ދެން އޮތީ އިނގިރޭސިން ބުނާ އެ ޤައުމުން ފޯރުކޮށްދޭ "ވަރލްޑް-ކްލާސް" ދާޚިލީ ޚިދުމަތުގެ ވާހަކައެވެ. އެހެންނަމަވެސް، "ވަރލްޑް-ކްލާސް" ފެންވަރަށް ޙިދުމަތެއް ނުދެވެއެވެ. އެއީ، ލަންޑަންގެ ޚާރިޖީ އޮފީހުގެ ބަޖެޓު، އިނގިރޭސި ވިލާތުން އެ ޤައުމުގަ ދިރިއުޅޭ އުމުރުން ދުވަސްވީމީހުންނަށް ފިނި މޫސުމުގަ ހީޓިންގ ފިއުލް ފޯރުކޮށްދޭން ޚަރަދުކުރެވޭ ބަޖެޓަށްވުރެ ކުޑައެވެ. މީ ގޯސްކަމެއް ނޫނެވެ. ނަމަވެސް މިކަމުން ދައްކުވައިދެނީ އެޤައުމުގެ ދިފާއީ އަދި ޚާރިޖީ ކަންކަމަށް ވުރެ މިފަދަ ކަންކަމަށް އިސްކަންދޭކަމެވެ. އިނގިރޭސި ވިލާތުގެ މާލީ ހާލަތަށް އައި ހީނަރުކަން ދިއައީ އިތުރުވެގެންނެވެ. ކެމަރަންއަކީ މިފަދަ ޙާރިޖީ ކަންކަމަށް އިސްކަންދެއްވާ ބޭފުޅެއްނޫނެވެ. އެބޭފުޅާއަކީ ސިވިލް ސަރވަންޓުން ގެނަސްދެއްވާ ބްރީފިންގސް ކިއުއްވަން ވަރަށް ކުޑަ ވަގުތުކޮޅެއް ހޭދަކުރައްވާ ބޭފުޅެކެވެ.


މިއަދު އޮންލައިން