އެންޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށް ޚާއްޞަކޮށްގެން އެމެރިކާގެ އޮރްލަންޑޯގައި ހިންގާ ނައިޓް ކްލަބަށް އާދީއްތަ ވިލޭރޭ ފަތިހު ހަމަލާ ދިނުމުގެ ކުރިން އެކަން ކުރި މަތީން ފުލުހުންނަށް އެކަން ރިޕޯޓްކުރި ކަމަށް ބައެއް މީޑިއާތަކުން ހާމަކޮށްފިއެވެ.
މަންޒަރު ފެނުނު މީހަކު ބުނީ ހަމަލާ ދިނުމުގެ ކުރިންވެސް މަތީން އެކްލަބުން ފެނުނު ކަމަށެވެ. އަދި އެއިރު ފިރިހެނުންނާއި ފިރިހެނުންގެ މެދުގައި ހިންގަމުން ދިއަ ގުޅުންތަކަށް ބަލަން ހުރެފައި ނުކުމެގެންދިއަ ކަމަށެވެ. "އެއިރުވެސް އޭނާގެ މޫނު ހުރީ ރަނގަޅަކަށް ނޫން. ވަރަށް ރުޅި ގަދަވެފައި ހުރީ.. ދެން ފަހުން ފެނުނީ ކުއްލިއަކަށް ހަމަލާދޭންފެށިތަން."
އެމެރިކާގެ އެފްބީއައި އިން ބުނެފައިވަނީ ސޯޝަލް މީޑިއާގައި 2013 ވަނަ އަހަރު މަތީން ކުރި ކޮމެންޓްތަކަކާއި ގުޅިގެން އެކިފަހަރު މަތިން އޭނާ މޮނިޓަރކޮށް ބެލެހެއްޓި ކަމަށެވެ. އަދި އޭނާއަށް ނަޞޭޙަތްވެސް ދެވިފައިވާ ކަމަށެވެ.
މިދިއަ އަހަރުން ފެށިގެން މަތީންގެ ކަންކަން ބެލެހެއްޓުން ހުއްޓައިލީ އޭނާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއް ނޫންކަން ކަށަވަރުކުރެވުމުން ކަމަށް ވެސް އެފްބީއައި އިން ބުނެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގާ މީހުންނާ އަބަދުވެސް ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ވައިޓް ހައުސްގެ ދިދަ ވަނީ މަރުވި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ހަނދާނުގަ ބައިދަނޑިއަށް ތިރިކޮށްފައެވެ.