މިއަހަރު ހައްޖަށްދާ ހައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ޙައްޖު މިނިސްޓަރ ޞާލިޙް އަލްޝައިޚް ގޮވާލައްވައިފިއެވެ.
ކަމާއިބެހޭ ފަރާތްތަކާއިއެކު މިނިސްޓަރު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ ހައްޖުވުމަށް އަންނަ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑު ކުރުމަކީ އެކަމުގެ ނޭދެވޭ އަސަރު ޙައްޖުވެރިންނަށް ކުރާނެ ކަމެއް ކަމަށެވެ. އެހެންކަމުން ވީހައި ހެޔޮ އަގުގައި ޚިދުމަތް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޙައްޖުވެރިން ޙައްޖުވުމަށް ސައުދިއަރަބިޔާއަށް ދާން ފެށުމުގެ ކުރިން ޚިދުމަތްތައް ފުރިހަމައަށް ރާވައި އިންތިޒާމުތައް ފުރިހަމަކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. "އަގުތައް އުފުލެން ދިމާވާ އެއް ސަބަބަކީ އިންތިޒާމުތައް ނުކުރެވި ކަންކަމަށް ދަތިވުން. އެހެންވީމާ ޚިދުމަތްދޭ ހުރިހައި ފަރާތްތަކުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދުރާލައި ކަންކަން ރާވަންޖެހޭނެ."
މިނިސްޓަރ ވިދާޅުވީ މީޤާތުތަކާއި މިސްކިތްތަކުގައި އަދި ދެ ޙަރަންފުޅުގައި ކަންކަން އިންތިޒާމުކުރާއިރު ވީހައި ލުއިފަސޭހަކަމާއިއެކު ކަންކަން ފުރިހަމަ ކުރެވޭނެ ގޮތަކަށް ކަންކަން ރާވަންޖެހޭނެ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހަ ކައިރިވަމުން އަންނާތީ އުމުރާވުމަށް ދާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ ރަމަޟާން މަހު އުމުރާ ވުމަށްދާ މީހުންނަށް ވީހައި ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.