ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމު ހިންގި ހިންދީންނަށް އިންޑިއާގެ ކޯޓުން "މެޓާ ބަހައިފި"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ޤަތުލްޢާންމު ހިންގި ހިންދީންނަށް އިންޑިއާގެ ކޯޓުން "މެޓާ ބަހައިފި"
ގުޖުރާތުގައި ޤަތުލުޢާންމު ހިންގައި ހާހަކަށްވުރެ ގިނަ މުސްލިމުން މަރައި އެތައް ޙާސް މުސްލިމުންގެ ގެދަރާއި މުދާ އެންދި ހިންދީންނަށް އިންޑިއާގެ ކޯޓުން "މެޓާ ބަހައިފި" އެވެ.

2002 ވަނަ އަހަރު ހަފްތާއަކަށްވުރެ ދިގުލައި ހިންގި މިޖަރީމާތަކާއި ގުޅިގެން ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ 11 މީހެއްގެ މައްޗަށް އުމުރަށް ޖަލަށްލުމަށް ޙުކުމް ކުރާ ކަމަށާއި 12 މީހެއްގެ މައްޗަށް 7 އަހަރަށް ޖަލަށް ލުމަށް ޙުކުމްކުރާ ކަމަށާއި އެކެއްގެ މައްޗަށް 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށެވެ.

އެތައް ހާސް ބައެއްގެ ގެދޮރާއި މުދާ އެންދުމުގެ އިތުރުން އެތައް ސަތޭކަ މުސްލިމުން ދިރިތިއްބައި އެންދުން ފަދަ ހައްދު ފަހަނައަޅައިފައިވާ ޖަރީމާތައް ހިންގުމުގައި އެތައް ހާސް ހިންދީން ބައިވެރިވި ނަމަވެސް އަދި އެއިގެ ތެރެއިން 36 މީހެއްގެ މައްޗަށް ކުށްސާބިތުވާކަމަށް ކޯޓުން ކުރިން ބުނެފައިވީނަމަވެސް ކޯޓުން ބަހާ "މެޓާ" އަދި ލިބުނީ 24 މީހުންނަށެވެ.

2002 ވަނަ އަހަރު ގުޖްރާތުގައި ހިންގި މި ޖަރީމާތަކަކީ މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާތަކުގެތެރެއިންވެސް އެންމެ ކުރީގައިވާ ޖަރީމާތަކެވެ.

މި ޖަރީމާތައް ހަފްތާއަކަށްވުރެ ގިނަ ދުވަސްވަންދެން ދިގުލައި ދިއަ ނަމަވެސް ޗީފް މިނިސްޓަރ، މިހާރުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެކަންކަން ހުއްޓުވުމަށް އެއްވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ.
މިއަދު އޮންލައިން