ކީރިތި ޤްރްއާނުގެ ޢިލްމު އުނގެނުމަށްފަހު އެޢިލްމު ފަތުރާބައަކަށް ވުމަށް މަދީނާގެ ގަވަރުނަރު ޕްރިންސް ފައިޞަލް ބިން ސަލްމާން ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ހިންގާ ޙާގިޛުން ތަމްރީނުކުރުމުގައި ދަސްވެނިވި 110 ދަރިވަރުންނަށް ސަނަދު ދިނުމަށް މަސްޖިދުއްނަބަވީގައި މިދިއަ ބުރާސްފަތި ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޕްރިންސް ފައިޞަލް ވިދާޅުވީ ފުރިހަމަ އިސްލާމީ މުޖުތަމައުއެއް އުފެއްދޭނީ ކީރިތި ޤްރްއާނާއި އިސްލާމީ އުޞޫލުތައް މީސްތަކުންނަށް ދަސްކޮށްދެވިގެން ކަމަށެވެ.
އެ ޖަމިއްޔާއިން ވަނީ މިހައިތަނަށް 5،000 އަށްވުރެ ގިނަ ޙާފިޛުން އުފައްދައިފައެވެ. މީގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. ޖަމިއްޔާގެ ބޯޑުގެ ޗެއަރމަން ޢަލީ ބިން ސުލައިމާން އަލްޢުބައިދު ވަނީ ކީރިތި ޤްރްއާނުގެ ޢިލްމު ފެތުރުއްވުމަށް ސަލްމާން ރަސްގެފާން ފޯރުކޮށްދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ޚާއްޞަ ސަމާލުކަން ފާހަގަ ކުރައްވައި ރަސްގެފާނަށް ޝުކުރު އަދާކުރައްވައިފައެވެ.