މޮޑެލްކުރާ އަންހެނަކާއި ގާތުން ނަގާފައި ހުރި ފޮޓޯތަކެއް ލީކުވުމުން ޕާކިސްތާނުގެ ދީނީ އިލްމުވެރިއަކު ސަސްޕެންޑްކޮށްފިއެވެ.
ޕާކިސްތާނުގެ ދީނީ އިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނޭ މުފްތީ އަލްޤަވިސް މަޖިލީހުންނާއި ދީނީ ހަރަކާތްތައް ހިންގުން ސަސްޕެންޑްކުރުމުގެ އަމުރު ނެރުއްވީ އިސްލާމީ މިނިސްޓަރ ސަރުފާރު ޔޫސުފްއެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމް ދީނުގެ ކަންކަމާއިމެދު ފަތުވާނެރެ، ގޮތް ނިންމާ ދީނީ އިލްމުވެރިން ވާންޖެހޭނީ އަބުރުވެރި ބައަކަށް ކަމަށެވެ.
އަދި އިސްލާމް ދީން ހުއްދަ ނުކުރާ، ތަރްހީބު ނުދޭ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބޭ ވަރަށް ސާފުތާހިރު ބައަކަށް ކަމަށެވެ.
ދީނީ އިލްމުވެރިންގެ މަޖިލީހުން ޤަވީ އާއިމެދު ގޮތެއް ނިންމަންދެން ދީނީ އެއްވެސް ހަރަކާތެއްގައި ޤަވީއަށް ބައިވެރިނުވެވޭނެކަން މަޖިލީހުން ވަނީ އަންގައިފައެވެ.
މުފްތީ އާއި މޮޑެލް ގަންދީރު ބްލޮޗްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުވުމުން ގިނަ ބައަކު ގެންދަނީ އެކަމާއިމެދު ކަންބޮޑުވުން ފައުޅުކުރަމުންނެވެ.