ކާނެ އެއްޗަކަށް އެދި އާދޭސްކުރި ކުއްޖަކަށް 130،000 އަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކާނެ އެއްޗަކަށް އެދި އާދޭސްކުރި ކުއްޖަކަށް 130،000 އަށްވުރެ ގިނަ ޑޮލަރު ލިބިއްޖެ
"މަންމަ އަށާ އަހަރެންނަށް ކާނެ އެއްޗެއް ގަނެދީ. އަހަރެން ކަލޭގަތް ތަކެތި ކާރަށް އުފުލައިދޭނަން" ބުނެ އާދޭސްކުރި 16 އަހަރުގެ ކުއްޖަކަށް 10 ވަރަކަށް ދުވަހުގެތެރޭގައި 130،000 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިއްޖެއެވެ.

އެމެރިކާގެ މެމްފިސްއަށް ނިސްބަތްވާ ޗާންސީ އަކީ ގްރޭޑް 10 ގައި ކިޔަވާ ކުއްޖެކެވެ. ނަމަވެސް މަންމައަށާއި އޭނާގެ ކެއިން ބުއިމަށް މަގެއް ހޯދުމަށް ސްކޫލަށް ދިއުން ވަނީ ހުއްޓައިލައިފައެވެ. އޭނާގެ މަސައްކަތަކީ މީހުންނަށް މަސައްކަތްކޮށްދީގެން ކާނެ އެއްޗެތި ހޯދުމެވެ.

ޗާންސީ ކާނެ އެއްޗަކަށް އެދި މިމޭރުމުން ބުނީ ފިހާރައަކުން ގިނަ އަދަދެއްގެ ތަކެތި ގަތް މެޓް ވައިޓް ކިޔާ މީހެއްގެ ގާތުގައެވެ. ޗާންސީ އެދުނީ ޑޯނަޓެއް ފަދަ އެންމެ އާދައިގެ ކާއެއްޗަކަށެވެ. ވައިޓް ގަނެދިނީ ޑޯނަޓެއް ނޫނެވެ. ކާނެ އެތައް ބައިވަރު ތަކެއްޗެކެވެ. "ފުޑް ބާސްކެޓެކެވެ."
ވައިޓް އެވަރުން ފުއްދައިލީއެއް ނޫނެވެ. ޗާންސީގެ ހާލަތު ބަޔާންކޮށް ފޭސްބުކުގައި ޕޭޖެއް ހަދައިދިނީއެވެ. އޭނާގެ މަންމަގެ ނުކުޅެދުންތެރިކަންވެސް ބަޔާންކޮށެވެ.

ނަތީޖާއަކަށްވީ 10 ވަރަކަށް ދުވަހުގެތެރޭގައި ދުނިޔޭގެ ކަންކޮޅުތަކުން އެކުއްޖާއަށް ފައިސާ އޮހެން ފެށުމެވެ. 130،000 އަށްވުރެ ގިނަ ޑޮލަރު ލިބުމެވެ.

ދޮން ނަސްލުގެ ވައިޓް މިހާރު މަސައްކަތްކޮށްދެނީ ކަޅު ނަސްލުގެ ޗާންސީއަށް ޤާނޫނީ ވަކީލުން ހަމަޖައްސައި ފަންޑުގެ ބޭނުން ޗާންސީއަށް އެންމެ ފައިދާކުރާނެ، ދެމެހެއްޓެނިވި ގޮތަކަށް ބޭނުންކުރެވޭނެ ގޮތެއް ހެދުމަށެވެ. ޗާންސީގެ ދެމައިން ވަނީ ގެދޮރު އަނދައި މަގުމަތިވެފައެވެ. އެހެންކަމުން ދިރިއުޅެވޭނެ ގޮތެއް ވެސް ހަމަޖައްސައިދިނުމަށެވެ.

ވައިޓް ބުނީ ޗާންސީ ބުނި ބުނުމުން އޭނާއަށް ވަރަށް އަސަރު ކުރި ކަމަށެވެ. އެންމެ ބޮޑަށް އަސަރުކުރީ ފައިސާއަށް އެދި ސަލާންޖެހުމުގެ ބަދަލުގައި މަސައްކަތެއް ކޮށްދީގެން މަންމަ އާއި އޭނާ ކައިލާނެ ވަރަށް ކުޑަ އާދައިގެ އެއްޗަކަށް އެދުމުން ކަމަށެވެ.

"ޗާންސީއަކީ ތެދުވެރި ކުއްޖެއް. އޭނާ ބޭނުންވީ މަސައްކަތްކޮށްގެން ކާނެ އެއްޗެއް ހޯދަން. އެއީ ވަރަށް މަދު ބައެއްގެ ކިބައިން ފެންނަ ސިފައެއް." ކަމަށް ވައިޓް ބުނެފައިވެއެވެ.

ގުޅުންހުރި ވީޑިއޯ
މިއަދު އޮންލައިން