ތުރުކީގެ ވެރިރަށް، އިސްތަންބޫލްގެ މައި އެއާޕޯޓަށް ހަމަލާދީ 28 މީހުން މަރާލައި 60 މީހުން ޒަޚަމްކޮށްލައިފިއެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމަލާދިނީ ދެމީހަކުވެގެންނެވެ. ފުރަތަމަ އެއްޗެއް ގޮއްވައިލީއެވެ. އެއަށްފަހު މަސައްކަތްކުރީ އެއާޕޯޓުގެ ކޮންޓްރޯލް ރޫމް ސަރަހައްދަށް ވަނުމަށެވެ.
ފުލުހުން ރައްދުގައި ބަޑިޖަހަންފެށުމުން ބަޑިން ހަމަލާތަކެއް ދިނުމަށްފަހު ދެ މީހުންވެސް އަމިއްލައަށް އެމީހުންގެ ހަށިގަނޑު ގޮއްވައިލީއެވެ.
އިސްތަންބޫލްގެ އަތަތުކް އެއާޕޯޓަކީ އެންމެ ގިނަ ފްލައިޓްތައް ޖައްސާ، އަދި އެންމެ ވަރުގަދައަށް ސެކިޔުރިޓީވެސް ބަލަހައްޓާ އެއާޕޯޓެވެ.
ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުއުފުލި ނަމަވެސް ބެލެވެނީ އައިއެސްގެ ހަމަލާއެއް ކަމަށެވެ. އައިއެސް އިން ގެންދަނީ މިފަދަ ގިނަ ހަމަލާތައް ތުރުކީގައި ދެމުންނެވެ.