މިއަހަރުން ފެށިގެން ހައްޖުވެރިން އިލެކްޓްރޯނިކް އުޅާ އަޅަންޖެހޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފިއެވެ.
މިދިއަ ހަފްތާގައި ތަޢާރަފްކޮށްފައިވާ މި އުޅާގައި ހައްޖުވެރިޔާ އާއިބެހޭ ހުރިހައި މައުލޫމާތު ހިމެނެއެވެ. އެއިގެ ތެރޭގައި އެމީހާގެ އަމިއްލަ އެޑްރެހާއި ސައުދިއަރަބިޔާގައި ޒިޔާރަތްކުރާ ތަންތަނާއި ޕާސްޕޯޓާއި ވިސާގެ މައުލޫމާތު ފަދަ މައުލޫމާތުތައް ހިމެނެއެވެ.
ސައުދީ އިސްލާމިކް މިނިސްޓްރީން ބުނީ މި އުޅަލުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. ގެއްލިގެން ހޯދަންޖެހުން ފަދަ ކަންކަމުގައާއި އަރަބި ބަސް ނުއެނގޭ މީހުންނަށް މިއުޅަލުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށާއި މިއުޅަލުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
ފެން ޖެހުނަސް ހަލާކުނުވާ މިއުޅަލުގައި ޖީޕީއެސް ވެސް ހުރެއެވެ. އަދި ނަމާދު ވަގުތުތައްވެސް އަންގައިދެއެވެ.
މިއަހަރަކީ ގިނަ އަދަދެއްގެ މީހުން ޙައްޖުވާނެ އަހަރުކަމަށް ބެލެވޭއިރު ސައުދީ ސަރުކާރުން ވަނީ އިތުރު އެތައް ހާސް ސެކިޔުރިޓީ ކެމެރާތައްވެސް އިތުރުކޮށްފައެވެ.
ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ ބައަކު ގެއްލިގެން ހޯދަންޖެހެއެވެ. ތަފާތު ހާދިސާތައް ވެސް ކުރިމަތިވެއެވެ. އެހެންކަމުން މިފަދަ ގިނަ މައްސަލަތަކަށް މިއުޅަލުގެ ސަބަބުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބެލެވެއެވެ.