ބަންގްލަޑޭޝްގެ ވެރިރަށް ޑާކާގައި ގިނަ ބައަކު ވަދެ އުޅޭ ރެސްޓޯރަންޓަކަށް ގިނަ އަދަދެއްގެ ހަތިޔާރާއިއެކު ޓެރަރިސްޓުން ވަދެ ހިފެހެއްޓި މީހުންގެ ތެރެއިން 13 މީހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ސަލާމަތީ ބާރުތަކުގެ ޚާއްޞަ ފައުޖަކުން ރޭ ފަތިހު ހިންގި އޮޕަރޭޝަނުގައި 13 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ހަތިޔާރު އެޅި 6 މީހުން މިހައި ތަނަށް މަރާލެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ޓެރަރިސްޓުން 35 މީހަކު ހިފަހައްޓާފައިވާ ކަމަށާއި އެއިގެތެރެއިން 20 މީހުން މިހާރު މަރާލައިފި ކަމަށެވެ.
ޑާކާގައި ހުންނަ ޖަޕާނު އެމްބަސީން ބުނީ ޖަޕާނުގެ 7 މީހަކަށް ވީގޮތެއް އަދިވެސް ނުއެނގޭ ކަމަށެވެ.
ހިފަހައްޓާފައިވާ މީހުން ސަލާމަތްކުރަން ހިންގި އޮޕަރޭޝަނުގައި ކޮމާންޑޯ އިން ވަނީ ވަރަށް ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި ހަތިޔާރުވެސް އަތުލައިގެންފައެވެ.