ސީރިޔާ ސަރުކާރުގެ ހަމަލާތައް ފަލަސްޠީނުގެ ރިފިޔުޖީ ކޭމްޕަކަށް އަމާޒުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިއްޔެ ހެނދުނު ސީރިޔާ ސިފައިން ދިން ވައިގެ ހަމަލާތައް ފަލަސްޠީނުގެ ރިފިޔުޖީން ތިބޭ ކާން އަޝިއާ އަށް އަމާޒުކުރުމުން 5 މީހަކާއި ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. އެތައް ބައަކު ވަނީ ޒަޚަމްވެފައެވެ.
އެ ސަރަހައްދުގެ މީހުން ބުނީ ބޮންތައް އޮއްސީ އެމީހުން ދިރިއުޅޭ ތަންތަނަށް ކަމަށެވެ. އަދި ދެ ފަހަރެއްގެ މަތިން ހަމަލާދިން ކަމަށާއި ހަމަލާ ދިނީ ރަސިއާގެ ބޮން އަޅާ ބޯޓުތަކުން ކަމަށެވެ. "ފުރަތަމަ ބުރުގައި އައިސް ބޮން އަޅާފައި ދިއައީ. އެއިގެ ފަސް ގަޑިއިރު ފަހުން އެނބުރި އައިސް އަނެއްކާވެސް ބޮން އެޅީ."
މިދިއަ ހަފްތާގައި ވަނީ ރިފިޔުޖީ ކޭމްޕުގެ ބޭރު ސަރަހައްދުތަކަށް ވެސް ބޮން އަޅައިފައެވެ. އެހެންކަމުން މިއީ އޮޅުމަކުން ދެވޭ ހަމަލާތަކެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު އިރު ފަލަސްޠީނުގެ 500،000 އަށްވުރެ ގިނަ ރައްޔިތުން ސީރިޔާގެ ރިފިޔުޖީ ކޭމްޕުތަކުގައި ދިރިއުޅެއެވެ.
ސީރިޔާގައި ހުރި ފަލަސްޠީނުގެ ކޭމްޕުތަކަށް ބޭސް ފަދަ މުހިންމު ތަކެތި ވެއްދިއަ ނުދޭތާ ވެސް މިހާރު 2 މަސް ދުވަސް ވެއްޖެއެވެ.