މައްކާގެ ޙަރަމްފުޅުގައި މި ރަމަޟާންމަހުގެ 27 ވިލޭރޭ 2 މިލިއަނެއްހައި މީހުން ނަމާދުކޮށް އަޅުކަން ކޮށްފިއެވެ.
ޙައްޖު މިނިސްޓްރީން ބުނީ ތަފާތު ޤައުމުތަކާ މަޒުހަބުތަކުގެ މިހައި ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއް ވަގުތެއްގައި ޖަމާވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ. އަދި ދަތިވެގެން ވެސް އުޅެން ނުޖެހޭ ކަމަށެވެ.
ޙައްޖު މިނިސްޓްރީން ބުނީ އެރޭގެ ފަރުޟު ނަމާދުތަކުގެ އާއި ތަރާވީހް ނަމާދުގެ ޖަމާއަތްތަކުގައި 2 މިލިއަނެއްހައި މީހުން ބައިވެރިވެ ފަސޭހަކަމާއިއެކު އަޅުކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.
ރަމަޟާން މަހުގެ އުމުރާއަށްދާ މީހުންނަށް ވީހައި ލުއި ފަސޭހަ ގޮތްތަކަށް ކަންކަން ހަމަޖައްސައި ދިނުމަށް ސައުދީ ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވަނީ ޚާއްޞަ އަމުރުފުޅެއް ނެރުއްވައިފައެވެ.