ސައުދިއަރަބިޔާއަށް އެތެރެކުރަން އުޅުނު 300 ކިލޯ ހޭޝް އާ 1.75 މިލިއަން ގުޅަ ކެޕްޓަގޮން އަތުލައިގެންފިއެވެ.
300 ކިލޯގްރާމް ހޭޝް އަތުލައިގަތީ ބޯޓެއްގައި ކަނޑުމަގުން އެތެރެކުރަން އުޅެނިކޮށް ޢާސިރު ސަރަހައްދު ބަލަހައްޓާ ބޯޑަރގާޑުންނެވެ. މިތަކެތި ހުރި ބޯޓުގައި ތިބި ޔަމަނުގެ 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
1.75 މިލިއަން ގުޅަ ކެޕްޓަގޮން އަތުލައިގަތީ ޖިއްދާ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމް އޮފިސަރުންނެވެ. މިތަކެތި ފޮރުވާފައި ހުރީ އިލެކްޓްރޯނިކް ކޭބަލްތަކެއްގެތެރޭގައެވެ.
މީގެ އިތުރުން ޖިއްދާ އެއާޕޯޓުން ވައިގެ މަގުން 1.4 ކިލޯ ކޮކޭން އެތެރެކުރަން އުޅުނު 2 އަންހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސައުދީ ސަރުކާރުން ގެންދަނީ މަރުގެ އަދަބުދެމުންނެވެ. އެހެންކަމާއިއެކުވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ ބޮޑެތި މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.