ފިޠުރު ޢީދާއި ދިމާކޮށް ގިނަ އަދަދެއްގެ ކުޅޭ ބަޑިތައް ބާޒާރުގައި ވިއްކާތީ ޕާކިސްތާނުގެ ސްވާބީގައި ކުޅޭ ބަޑި ވިއްކުން މަނާކޮށްދިނުމަށް އެ ސަރަހައްދުގެ ރައްޔިތުންގެ ގިނަ ބައަކު އެދިއްޖެއެވެ.
އެމީހުން ބުނީ ކުޑަ ކުދިން ބަޑި ގެންގުޅުމުން ކުދިންނަށް ދަސްވަނީ ނުރަނގަޅު ކަންތައްތަކެއް ނަމަވެސް އެކަމުން ކުޑަކުދިން ސަލާމަތްކޮށްދިނުމަށް ސަރުކާރު ވަނީ ނުކުޅެދިފައި ކަމަށެވެ. "އެހެންވެ އަހަރެމެން މިއެދެނީ މިހާރުން މިހާރަށް ކުޅޭ ބަޑި ވިއްކުން މަނާކޮށްދިނުމަށް."
އެމީހުން ބުނީ ކުދިންނަށް ހަދިޔާއަށް ބަޑި ދިނުމުން ބަޑި ޖެހުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގަނެ ބަޑިޖަހާހިތްވާ ކަމަށެވެ. އަދި އެކަމުގެ އަސަރު މުޖުތަމައުން ފެންނަނީ ވަރަށް ހިތިކޮށް ކަމަށެވެ.
"އެހެން ނަމަވެސް ބައެއް ބެލެނިވެރިން އެކަމަކަށް ނުވިސްނާ. ބަޑިގަނެދެނީ ކުދިން ރުއްސަން. ކުއްޖާގެ ކިބައިން ދެރަކަމެއްވީމާ ވިސްނެނީ މިކުރެވުނީ ކުރަން ހެޔޮނުވާވަރުގެ ކަމެއްކަން."
ކުޅޭ ބަޑީގެ ތެރޭގައި އަސްލު ބަޑިއާއި ވަރަށް އެއްގޮތް ބަޑި ހުންނަ ކަމާއި އެފަދަ ބަޑިތައް ރޫޅައި ރާވަން ކުދިން ދަސްކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަންވެސް އެމީހުން ފާހަގަކުރެއެވެ.