އދ އިން ފާސްކުރި ނަމަވެސް އަދި ކޮންމެ ބައަކު ފާސްކުރި ނަމަވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ޙައްޤަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީޒް (އޯއައިސީ) އިން ބުނެފިއެވެ.
ސެކެޓްރީ ޖެނެރަލް ޢިޔާދް އަމީން މަދާނީ ވިދާޅުވީ އދ ގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ފާސްކުރި ޤަރާރު، "ޕްރޮޓެކްޝަން އެގޭއިންސްޓް ޑިސްކްރިމިނޭޝަން އެންޑް ވަޔަލަންސް ބޭސްޑް އޮން ސެކްޝުއަލް އޮރިއެންޓޭޝަން އެންޑް ޖެންޑަރ އައިޑެންޓިޓީ" އަކީ އެއްވެސް ހައިޞިއްޔަތަކުން ބަލައިގަނެވޭނެ ޤަރާރެއް ނޫން ކަމަށެވެ.
މަދާނީ ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާވެރިވުމަކީ އަދި ތަފާތުކުރުން ބެހެއްޓުމަކީ އިސްލާމް ދީން ޤަބޫލުކުރާ ކަންކަން ނޫން ކަމަށާއި ނަމަވެސް އިންސާނީ ޙައްޤުގެ ގޮތުގައި އަދި ތަފާތުކުރުން ނުބެހެއްޓުމުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ނުކުރެވޭނެ ކަމަށެވެ.
މަދާނީ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުން މަނާކުރަނީ ހަމައެކަނި އިސްލާމް ދީން ނޫން ކަމަށާއި އެއްޖިންސުން ގުޅުން ހިންގުމަކީ ހުރިހައި ދީންތަކުގައިވެސް މަނާކުރެވިފައިވާ ކަމެއް ކަމަށެވެ.
މިޤަރާރާއި ދެކޮޅަށް ޖަލްސާގައި މަސައްކަތް ކުރެއްވި އޯއައިސީގެ އެމްބެސެޑަރުން ކުރެއްވެވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެމްބެސެޑަރުންނަށް މަދާނީ ވަނީ ތައުރީފް ކުރައްވައިފައެވެ.