ދޮގު މައުލޫމާތު ފަތުރައި މީހުން މަގުފުރައްދާ މީހުންނަކީ ގެއްލެނިވެގެންވާ ބައެއް: އިސް މުފްތީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދޮގު މައުލޫމާތު ފަތުރައި މީހުން މަގުފުރައްދާ މީހުންނަކީ ގެއްލެނިވެގެންވާ ބައެއް: އިސް މުފްތީ
ދޮގު މައުލޫމާތު ފަތުރައި މީހުން މަގުފުރައްދާ މީހުންނަކީ ގެއްލެނިވެގެންވާ ބައެއް ކަމަށް ސައުދިއަރަބިޔާގެ އެންމެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އައްޝައިޚް ވިދާޅުވެއްޖެއެވެ.

ޤްރްއާން ބްރޯޑްކާސްޓިންގ ސަރވިސް މެދުވެރިކުރައްވައި މިދިއަ ހޯމަ ދުވަހު ތަޤްރީރުކުރައްވަމުން މުފްތީ ވިދާޅުވީ ޤައުމުތަކުގައި އެންމެ ބޮޑެތި ހަމަނުޖެހުންތައް އުފެދުމަށް މަގުފަހިވަނީ ސޯޝަލް މީޑިއާތަކުގައި ފަތުރާ ދޮގު މައުލޫމާތުތަކުގެ ސަބަބުން ކަމަށެވެ.

މުފްތީ ވިދާޅުވީ ދޮގު މައުލޫމާތު ފެތުރުމަކީ މުނާފިޤުންގެ ކަމެއް ކަމަށާއި މުސްލިމުން އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމީހަކު ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އުފެދޭ މައްސަލަތަކާއި ލިބޭ ގެއްލުންތަކުގެ ޒިންމާ އެމީހަކަށް ދެދުނިޔޭގައިވެސް އުފުލަންޖެހޭނެ ކަމަށެވެ.

"ދޮގު މައުލޫމާތު ފަތުރާމީހުން އެހިންގަނީ ހަނގުރާމަވެރި ޖަރީމާއެއް. އެމީހުންނަކީ ހިތްތަކަށް ބޮޑު ބައްޔެއް ޖެހިފައިވާ ބައެއް. ސޯޝަލް މީޑިއާގައި ލިޔުމަކީ މައްސަލައެއް ނޫން. ނަމަވެސް ލިޔަންވާނީ ތެދު މައުލޫމާތު."

މުފްތީ ވިދާޅުވީ މުޖުތަމައުގައި ހުންނަ ރަނގަޅު ނޫން ކަންކަމުގެ ވާހަކަތައް ލިޔާ ފަދައިން މުޖުތަމައުގައި ހުރި ރަނގަޅު ކަންކަމުގެ ވާހަކަތައްވެސް ލިޔެ ހާމަކުރަންޖެހޭނެ ކަމަށެވެ. ނޫންނަމަ މީސްތަކުންނަށް މަގުއޮޅިދާނެ ކަމަށެވެ.

"މުސްލިމުންނަކީ އަޚުންތަކެއް. މީހަކަށް ކުށެއް ކުރެވުނު ނަމަވެސް އޮތީ އެމީހަކު ފަޟީޙަތްކުރުމެއް ނޫން. އެމީހަކަށް ނަޞޭހަތްތެރިވެ ވިސްނައިދީ ﷲ ގެ މަގަށް އެނބުރި ރުޖޫއަވުމަށް ބާރުއެޅުން." ކަމަށްވެސް މުފްތީ ވިދާޅުވިއެވެ.
މިއަދު އޮންލައިން