ޕާކިސްތާނުގެ ފަޤީރު ރައްޔިތުންގެ ބައްޕަ ކަމަށް ބެލެވޭ ޢަބްދުއްސައްތާރު އީދީ އަވަހާރަވެއްޖެއެވެ. ޢަބްދުއްސައްތާރު އީދީ އަވަހާރަވިއިރު އުމުރުފުޅަކީ 88 އަހަރެވެ. އަވަހާރަވީ ގިތްޕުޅުގެ އާލާސްކަންފުޅެއްގައި އިއްޔެ ކަރާޗީގެ ހޮސްޕިޓަލެއްގައެވެ.
1928 ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ޢަބްދުއްސައްތާރު އީދީ އަކީ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އަދި ދީނީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުންވެސް ފަތުވާ ދެއްވައި އުޅުއްވި ބޭފުޅެއް ނޫނެވެ. ހަމައެކަނި ކުރެއްވެވި ކަމަކީ ފަޤީރުންނަށް އެހީތެރިވެދެއްވުމެވެ.
އަމިއްލަފުޅަށް ސަލާންޖައްސަވައިގެން ފަޤީރުންނަށް އެހީތެރިވެދެއްވަން ފެށްޓެވި ޢަބްދުއްސައްތާރު އީދީ ވަނީ ފަޤީރުންނަށް 24 ގަޑިއިރު ޚިދުމަތް ދެއްވުމަށް 1500 އެމްބިޔުލާންސްގެ ފްލީޓެއް އުފައްދަވައިފައެވެ. އެތައް ލައްކަ ފަޤީރުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވައިފައެވެ. ބްލަޑް ބޭންކްތައް އުފައްދަވައިފައެވެ. އަޅައިލާނެ މީހުން ނެތް ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ހިޔާތައް ބިނާކުރައްވައިފައެވެ.
ކަރާޗީގައި ގޭންގުތަކުގެ ކަންތައްގަނޑު ބޮޑުވެ މަގުމައްޗަށް ނުކުތުމަށް ބިރުން އެމްބިޔުލާންސް ޑްރައިވަރުން ފަސްޖެހުނު އެތައް ހާލަތެއްގައި ޢަބްދުއްސައްތާރު ޢީދީ ވަނީ އަމިއްލަފުޅަށް އެމްބިޔުލާންސް ދުއްވަވައި އަނިޔާ ލިބޭ މީހުން ހޮސްޕިޓަލްތަކަށް އުފުއްލަވައި ދެއްވައިފައެވެ.
ނަން މަޝްހޫރު މަދަރ ޓެރައްސާ ފަދަ މީހުންނަކީ އެމީހުންގެ އަމިއްލަ ހަށިގަނޑު ނުރައްކަލަށް ލައިގެން އެއްވެސް ކަމެއް ކުރަން ކެރޭ ބައެއް ނޫނެވެ. އެހެންކަމުން އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޢަބްދުއްސައްތާރު ޢީދީ ވަނީ މުޅި ދުނިޔެއަށްވެސް ލާމަސީލު މިސާލެއް ދައްކަވައިދެއްވައިފައެވެ.
ރަޙުމުން ފުރިފައިވާ "މަލާއިކަތެއް" ކަމަށް ޕާކިސްތާނުގެ ފަޤީރުން ސިފަކުރަމުން އައި ޢަބްދުއްސައްތާރު އީދީ އާލާސްކަންފުޅާ އުޅުއްވާތީ ޖޫން މަހު ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި ޢާސިފް ޒަރުދާރީ ވަނީ ފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް ވިދާޅުވީ ޤައުމުން ބޭރުން ފަރުވާ ނުކުރައްވާނެ ކަމަށާއި ފަރުވާކުރައްވާނީ ޕާކިސްތާނުގެ ޢާންމު ހޮސްޕިޓަލެއްގައި ކަމަށެވެ.
ފަޤީރުންނަށް އެހީތެރިވެދެއްވުމަށްޓަކައި އަމިއްލަފުޅަށް ސަލާމް ޖައްސަވައިގެން ފައިސާ އެއްކުރައްވައި އެ ފައިސާ ފަޤީރުންނަށް ބައްސަވަމުން ގެންދެވި ޢަބްދުއްސައްތާރު އީދީ ވަނީ އީދީ ފައުންޑޭޝަނުގެ ނަމުގައި ފައުންޑޭޝަނެއް އުފައްދަވައިފައެވެ.
ގިނަ އަދަދެއްގެ ބައިނަލް އަޤްވާމީ އަދި ޤައުމީ އެވޯޑްތައް ޢަބްދުއްސައްތާރު އީދީ އަށް ވަނީ ލިބިވަޑައިގެންފައެވެ. ނޯބަލް ޕްރައިޒް ލިބިވަޑައިނުގަތީ ހުޅަނގުގެ "ހުޅުގަނޑަށް" ތާއީދު ނުކުރައްވާތީއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވީ ޢަބްދުއްސަައްތާރު ޢީދީ އަވަހާރަވުމުން ޕާކިސްތާނަށް ގެއްލިގެން އެދިއައީ އިޖުތިމާޢީ ޚިދުމަތްކުރުމުގައި ޕާކިސްތާނުގެ ތާރީޚް ދެކެފައިވާ އެންމެ މުހިންމު ޝަޚްޞިއްޔަތު ކަމަށެވެ. އަދި އެއީ ޕާކިސްތާނަށް ލިބުނު ފޫނުބެއްދޭ ފަދަ ބޮޑު ގެއްލުމެއް ކަމަށެވެ.
ޢަބްދުއްސައްތާރު ޢީދީ އާއި ބެހޭގޮތުން ގިނަ ބައަކު ބުނެފައިވަނީ އޭނާއަކީ މުސްލިމެއް ނޫން ނަމަ އޭނާގެ މައްޗަށް ބައަކު އަޅުކަންކުރާނެ ކަމަށާއި އޭނާއަކީ އެފަދަ މާތް ޚިދުމަތްތެރިއެއް ކަމަށެވެ.