ސްރީލަންކާގެ މިނިސްޓަރުން ޤައުމުން ބޭރަށް ދަތުރުކުރުން މަޑުޖައްސައިލުމަށް ރައީސް މައިތިރިޕާލަ ސިރިސޭނަ މިނިސްޓަރުންނަށް އަންގަވައިފިއެވެ.
ރައީސް ވަނީ މިނިސްޓަރުންގެ ދަތުރުތައް 1 މަސް ދުވަހަށް މެދުކަނޑައިލުމަށް އަންގަވައިފައެވެ. އަދި ސަރުކާރާއިމެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދީ ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް އަންގަވައިފައެވެ.
ތަފާތު ޓެކްސްތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތަކަށާއި ކަންބޮޑުވުން ހުރި އިތުރު މައްސަލަތަކުގައި ޕާލަމެންޓްގެ ކޮމިޓީތަކަށް ފުރިހަމަ މައުލޫމާތު ދީ ޖަވާބުދާރީ ވުމަށްވެސް ރައީސް ވަނީ އަންގަވައިފައެވެ.
ސްރީލަންކާގެ އިދިކޮޅު އިއްތިހާދުތެރޭގައިވެސް މިހާރު ވަނީ މައްސަލަތަކެއް އުފެދިފައެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ އިދިކޮޅު އިއްތިހާދުގެ ހިޔަނި ކެބިނެޓުން އިސްތިއުފާވެސް ދެއްވައިފައެވެ.
އިސްތިއުފާ ދެއްވި ސަބަބު ރައީސް ރާޖަޕަކްސަ ހާމަ ނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެފައިވަނީ ހިޔަނި ކެބިނެޓަކަށްވުރެ ރާޖަޕަކްސަ އިސްކަން ދެއްވަނީ މިނިސްޓްރީތައް ހިންގާ ގޮތް ބެއްލެވުމަށް ކަމަށެވެ.