މުސްލިމުންގެ ހިތްތައް އެކުވެރި ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ އިސް މުސްލިމުންނަށް ކަމަށް ސައުދީ އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިމޭރުމުން ވިދާޅުވީ ސަލްމާން ރަސްގެފާނުގެ ދައުވަތަށް މިއަހަރު އުމުރާއަށް ގެންދެވި ދުނިޔޭގެ ކަންކޮޅުތަކުގެ އިސް މުސްލިމުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ މުސްލިމުންގެ މެދުގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމުގައި އެންމެ މުހިންމީ ދީނީ އިލްމުވެރިންނާއި ޖަމާއަތްތަކުން އެއްވިސްނުމެއް އެއް ފިކުރެއްގައި މަސައްކަތްކުރުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ތަފާތު ޔުނިވަރސިޓީތަކާއި ޖަމާއަތްތަކުގެ ބޭފުޅުން އެއްތަނަކަށް ގެންނަވައި އަދި އެތަނަކީ މާތްވެގެންވާ ޙަރަމްފުޅު ކަމުގައި ހެއްދެވުމަށް ސަލްމާން ރަސްގެފާނު ބޭނުންފުޅުވީ ތަފާތު ބޭފުޅުން އެއްތަނަކުން ބައްދަލުވެވަޑައިގެން މަޝްވަރާކުރައްވައި ގުޅުންތައް ބަދަހިކުރެއްވުމަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް ކަމަށެވެ.
"ސައުދީ ސަރުކާރުގެ ބޭނުމަކީ ދުނިޔޭގެ ހުރިހައި ސަރަހައްދުތަކެއްގައިވެސް މުސްލިމުން މުސްލިމުންގެ ގޮތުގައި ދެމިތިބުން، އިސްލާމް ދީނަށް ކުރިމަތިކުރުވާ ގޮންޖެހުންތަކުން މުޖުތަމައުތައް ސަލާމަތްކުރުވުން." ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަލްމާން ރަސްގެފާނުގެ ޚާއްޞަ ދައުވަތަށް މިއަހަރު ވަނީ ދުނިޔޭގެ ކަންކޮޅުތަކުން 100 އަށްވުރެ އިސް މުސްލިމުން މައްކާއަށް ގެންގޮސްފައެވެ. އިސް މުސްލިމުންގެ ގޮތުގައި ބަލާފައިވަނީ ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކުގެ އިސް ވެރިންނެވެ.