ވިއެޓްނާމުގެ ރައްޔިތެއް ކަމަށްވާ ޓޯންގ ހޮސްޕިޓަލަށް ދިއައީ އޭނާގެ އަންހެނުން ވިއްސުމަށެވެ. އޭނާއަށް ފާހަގަކުރެވުނު އާދައާ ޚިލާފު އެއް ކަމަކީ ޖެހިގެން ހުރި ކޮޓަރިއަށް ވަންނަ އަންހެނުން ނުކުންނަނީ ދަރިއަކު ނުލައި އެކަނި ކަމެވެ.
ވިސްނައިލުމުން މިވާގޮތް ވިސްނުނެވެ. އެމީހުން ދަރިވައްޓައިލުމަށްފަހު ހުސްހަށިބައަށް ނުކުމެގެންދަނީއެވެ. މިކަންވީ ޓޮންގ ވަރަށް ކަންބޮޑުވި ކަމަކަށެވެ.
ޓޯންގ އަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ވަރަށް އާދައިގެ މަސައްކަތު މީހެކެވެ. ނަމަވެސް ހިތްވަރާއިއެކު މަސައްކަތްކޮށްގެން ފައިސާކޮޅެއް ޖަމާކޮށްގެން ބިންކޮޅެއް ގަނެ އެބިމުގައި ސަހަރާއެއް ތައްޔާރުކޮށް ވައްޓައިލާ ކުދިން ވަޅުލައިދޭން ފެށިއެވެ.
އެއީ ކޮން ފައިދާއެއް ކުރާނެ ކަމެއްތޯ ސުވާލުކުރުމުން ޓޯންގ ބުނަމުން އައީ އެކުދިން ރަނގަޅު ގޮތުގައި ވަޅުލުމަކީވެސް ކުރަން ވަރަށް ރަނގަޅު އަދި ފައިދާކުރާނެ ކަމެއް ކަމަށެވެ.
އެގޮތުން 15 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ 10،000 އަށްވުރެ ގިނަ ކުޑަކުދިން ވަޅުލައިދީފައެވެ.
ޓޯންގ އަކީ ކުޑަކުދިންނަށް ލޯބިކުރާ މީހެއްކަން އެނގުމުން ފަޤީރު ނިކަމެތި އަންހެނުން އެމީހުންގެ ކުދިން ގޮވައިގެން ގޮސް ޓޯންގގެ އެހީތެރިކަމަށް އެދެން ފެށިއެވެ.
އޭނާ އެހިސާބުން ޤަޞްދުކުރީ ކުދިން ވަޅުލައިދޭ މީހެއްގެ ގޮތުގައި ހުރުމުގެ ބަދަލުގައި ކުދިން ދިރުވައި ބަލަހައްޓާ މީހަކަށް ބަދަލުވުމަށެވެ. އެހެންކަމުން ސަހަރާ ބަދަލުކޮށްލީ ޔަތީމު ޚާނާއަކަށެވެ. މައިންނަށް ރަނގަޅު ގޮތެއް ފެނިގެން ކުދިން ބަލައި އަންނަންދެން ޓޯންގ ކުދިން ބަލަހައްޓައިދޭން ފެށީއެވެ.
ޓޯންގ އަކީ މިއަދު 100 އަށްވުރެ ގިނަ ކުދިންގެ ބެލެނިވެރިޔާއެވެ. އެއީ އިންތިހާއަށް ބުރަ މަސައްކަތެކެވެ. ނަމަވެސް ޓޯންގ އެ މަސައްކަތްކުރަނީ އުފަލުން ހުރެއެވެ. ޓޯންގ ބަލަހައްޓާ ކުދިން ތިބެނީ އުފަލުން ފުރިގެންނެވެ. ހިނިތުންވެފައެވެ.
ޓޯންގ އޭނާގެ ދަރިންނަށްވެސް ވަސިއްޔަތް ކޮށްފައިވަނީ އޭނާގެ އެ މަސައްކަތް ދޫކޮށް ނުލުމަށެވެ.