އައިއެސްއަށް ތާއީދު ނުކުރައްވާކަން 4 ވީޑިއޯ އަކުން ޑރ. ޒާކިރު ނައިކު ސާބިތުކޮށްދެއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އައިއެސްއަށް ތާއީދު ނުކުރައްވާކަން 4 ވީޑިއޯ އަކުން ޑރ. ޒާކިރު ނައިކު ސާބިތުކޮށްދެއްވައިފި
ޑރ. ޒާކިރު ނައިކަކީ އައިއެސްއަށް ތާއީދު ކުރައްވާ ބޭފުޅެއް ނޫންކަން އޭނާގެ 4 ވީޑިއޯ އަކުން ސާބިތުކޮށްދެއްވައިފިއެވެ.

އުމުރާއަށް ވަޑައިގެން މައްކާގައި ހުންނަވައިގެން ޑރ. ޒާކިރު ނައިކް ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝް އިން އޭނާ އާއިމެދު ކުރަނީ ދޮގު ތުހުމަތުތަކެއްކަން އެ ވީޑިއޯތަކުން ހާމަވާނެ ކަމަށެވެ.

ޑރ ޒާކިރު އޭނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައި ވަނީ އައިއެސްއަށް އިސްލާމިކް ސްޓޭޓް ނުކިޔައި އެންޓި އިސްލާމިކް ސްޓޭޓް ކިޔުމަށެވެ. އަދި މީޑިއާތަކުންވެސް އެގޮތަށް ނަން ބޭނުންކުރުމަށް ޑރ. ޒާކިރް ނައިކް ވަނީ ގޮވައިލައްވައިފައެވެ.

ޑރ. ޒާކިރް ނައިކް ވިދާޅުވީ އިސްލާމިކް ސްޓޭޓް ގެ ނަމުގައި އައިއެސް ޕްރަމޯޓް ކުރުމަކީ ނުއެނގި ތިބެ ނަމަވެސް މީޑިއާތަކަށް ކުރެވެމުން އަންނަ ކުށެއް ކަމަށެވެ. އަދި އައިއެސް އަކީ އިސްލާމް ދީނުގެ އަދާވާތްތެރިންކަމަށާއި އައިއެސްގެ ނަން ބޭނުންކުރަންވާނީ އިސްލާމުންގެ އަދާވާތްތެރިނެގެ ގޮތުގައި ކަމަށެވެ.

"އިސްލާމިކް ސްޓޭޓަކުން ކުށެއް ނެތް މުސްލިމުން މަރާނެތަ؟ މިސުވާލުގެ ޖަވާބުގައި އަހަރެން ވަރަށް ސާފުކޮށް ބުނާނީ ކުށެއް ނެތް މުސްލިމުން މަރަނީ އިރާޤާ ސީރިޔާގެ އިސްލާމުންގެ އަދާވާތްތެރިން ކަމަށް. އައިއެސް އަށް އިސްލާމިކް ސްޓޭޓް ކިޔައިފިނަމަ އަހަރެންނަށް އެ އެއްބަސްވެވެނީ އައިއެސް ކުރަނީ ރަނގަޅު ކަންކަމަށް."

"މުސްލިމެއް ނަމަވެސް މުސްލިމެއް ނޫން ނަމަވެސް ކުށެއް ނެތް އިންސާނުން މެރުން މާތްﷲ ވަނީ މަނާކުރައްވަވާފައި. ކީރިތި ޤްރްއާނުގެ އާޔަތްތަކުން މިކަން ވަރަށް ރަނގަޅަށް ސާބިތުވޭ. ދެން ކިހިނެއްތަ ކުށެއް ނެތް އިސްލާމުން، މުސްލިމުން ވެސް އަދި ކާފަރުންވެސް މަރާނީ." ޒާކިރު ނައިކް ވަނީ ސުވާލު ކުރައްވައިފައެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވީ ކުށެއް ނެތް މީހުން މެރުމަށް ނުވަތަ ކުށެއް ނެތް މީހުން މަރާ ބައަކަށް ތާއީދުކޮށްފިނަމަ އެމީހަކީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް އީމާންވެ ތަބައަވާ މީހެއް ނޫން ކަމަށެވެ.

ޑރ. ޒާކިރު ނައިކް ވިދާޅުވީ އޭނާ އަކީ ދުވަހަކުވެސް ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާގެ ސުންނަތާއި ޚިލާފްވެވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޖިހާދު ކުރުމުގެ ނަމުގައި އެއްވެސް ކުށެއް ނެތް މީހުން މެރުމަށް ތާއީދު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނާއިމެދު ދޮގު މައުލޫމާތު ނުފެތުރުމަށާއި ދޮގު ތުހުމަތު ނުކުރުމަށްވެސް ޑރ. ޒާކިރު ނައިކް ވަނީ އެދިވަޑައިގެންފައެވެ.
މިއަދު އޮންލައިން