ހަމައެކަނި ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅާއިއެކު މަގުތަކަށް ނުކުމެވަޑައިގެން ސަލާން ޖައްސަވައިގެން ފަޤީރުންނަށް ޚިދުމަތް ކުރައްވައި ޤައުމީ ބަޠޮލެއްގެ ދަރަޖަ ޙޯއްދެވި ޢަބްދުއްސައްތާރު ޢީދީގެ ހަށިކޮޅު ރަސްމީ އިއްޒަތުގައި ވަޅުފުޅުލައިފިއެވެ.
ޢަބްދުއްސައްތާރު ޢީދީ އަވަހާރަވުމުން އެއީ ޕާކިސްތާނަށް ގެއްލިގެންދިއަ އަގުނުކުރެވޭ ފަދަ ޤައުމީ ބޮޠޮލެއް ކަމަށް ވިދާޅުވެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވަނީ ޖަނާޒާގެ ކަންކަން ޤައުމީ ބަޠޮލުންނަށް އަރުވާ އެންމެ މަތީ އިއްޒަތުގައި ކުރިއަށް ގެންދިއުމަށް އަމުރުފުޅު ނެރުއްވައިފައެވެ.
"އިންސާނިއްޔަތަށް ޚިދުމަތް ކުރާ ނޯކަރު"ގެ ނަމުން މަޝްހޫރުވެފައިވާ ޢަބްދުއްސައްތާރު ޢީދީގެ ޖަނާޒާގައި ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިން އާއި އާރމީ ޗީފް ޖެނެރަލް ރަހީލް ޝަރީފް އާއި ސިންދް ޕްރޮވިންސްގެ ގަވަރުނަރު އިޝްރާތުލް ޢިބާދް ޚާން އާއި ސިންޕްރޮވިންސް އާއި ޕަންޖާބް ޕްރޮވިންސްގެ ގަވަރުނަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕާކިސްތާނުގެ ދިދަ އަޅައި ފިޔާތޮށިކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ފުރާލާފައިވާ ޢީދީގެ ސަންދޯއްފުޅު ގެންދެވުނީ މިލިޓަރީޖިޕެއްގައެވެ. ވަޅުފުޅުލީ 21 ބަޑީގެ ރަސްމީ ސަލާމާއިއެކުގައެވެ. ވަޅުފުޅުލީ މީގެ 25 އަަހަރު ކުރިން އޭނާ ވަޅުފުޅުލުމަށް އަމިއްލަފުޅަށް އިޚްތިޔާރުކުރައްވާފައިވާ ބިންކޮޅުގައެވެ.
ޕާކިސްތާނުގައި އެންމެ ފަހުން ޤައުމީ ފެންވަރުގައި ޖަނާޒާއެއް ބާއްވާފައިވަނީ ޒިޔާއުލް ޙައްޤު އަވަހާރަވުމުން 1988 ވަނަ އަަހަރުއެވެ.
ޢީދީގެ ޖަނާޒާގައި ބައިވެރިވާން ބޭނުންވި އެތައް މިލިއަން މީހުންނަށް ވަނީ އެކަން ނުކުރެވިފައެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި މަގުތައް ބަންދުކުރުމުންނެވެ. ޢީދީ ހިމެނިގެންދިއައީ ދުނިޔޭގެ ފަހުގެ ތާރީޚުގައި ޤައުމުގެ ރައްޔިތުންގެ ލޯބި އެންމެ ބޮޑަށް ލިބިވަޑައިގެންނެވި ޝަޚްޞިއްޔަތު ކަމަށެވެ. އަދި އެބޭފުޅަކު އަވަހާރަވުމުން އެންމެ ގިނަ ބައަކު ހިތާމަކޮށް ކަރުނަ އެޅި ބޭފުޅާއަށެވެ.
ޢީދީގެ އަނބިކަނބަލުން ބިލްޤިސް އާއި 6 ދަރިކަލުން ދުނިޔޭގައި އެބަތިއްބެވިއެވެ.