ޕާކިސްތާނުގެ ޤައުމީ ބަޠޮލް، ޢަބްދުއްސައްތާރު ޢީދީ ވަނީ އޭނާ އަވަހާރަވުމަށްފަހު ގުނަވަންތައްވެސް ހަދިޔާ ކުރައްވައިފައި ކަމަށް ދަރިކަލުން ފައިޞަލް ވިދާޅުވެއްޖެއެވެ.
ޢީދީގެ ގުނަވަންތައް ހަދިޔާކުރައްވާފައިވީނަމަވެސް އުމުރުފުޅުން ގިނަ ދުވަސްތަކެއް ވެފައިވުމާއިއެކު ޑޮކްޓަރުން ބުނީ ނެގޭނީ ހަމައެކަނި ލޮލޮގެ ކޯނިއާ ކަމަށެވެ.
މަގުމަތީގައި ސަލާން ޖައްސަވައިގެން ފަޤީރުންނަށް އެހީވެދެއްވަން ފެށްޓެވި ޢަބްދުއްސައްތާރު ޢީދީ އަވަހާވިއިރު 5،700 މީހުންނަށް ގެންދަވަނީ ދާއިމީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.
ޤައުމުގެ އެކި ކަންކޮޅުތަކުގެ 17 މަރުކަޒެއްގައި އަޅައިލާނެ މީހަކު ނެތް ކުޑަކުދިންނާއި މުސްކުޅިންނާއި ބޮޑެތި ބަލިތަކުގައި ތިބި މީހުންނާއި ޑްރަގް އެޑިކްޓުންގެ 5،700 މީހުން ޢީދީ ފައުންޑޭޝަނުން ގެންދަނީ ބަލަހައްޓަމުންނެވެ. މީގެ އިތުރުން 1500 އެމްބިޔުލާންސްގެ ޚިދުމަތަކީވެސް ފާހަގަކުރަންޖެހޭ ބޮޑު ޚިދުމަތެކެވެ.
ޢީދީގެ ހާލުކޮޅު ބޮޑުވެ ކަންކަން ބަލަހައްޓަވަން ދަތިފުޅުވުމުން މިއަހަރު ކުރީކޮޅު ޢީދީ ވަނީ ޢީދީ ފައުންޑޭޝަނުގެ ކަންކަން ބެލެހެއްޓެވުން އޭނާގެ ދަރިކަލުން ފައިޞަލް އާއި ހަވާލުކުރައްވައިފައެވެ.
ޢީދީ ފަޤީރުންގެ އަވަށަކަށް ޒިޔާރަތްކުރައްވައިފިނަމަ ސަލާންކުރުމަށް އެތައް ހާސްކުދިންނާއި ޢާންމުން ޖަމާވެއެވެ.
އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގެ ޝައުޤުވެރިކަން ޢީދީގެ ހިތްޕުޅުގައި އުފެދުނީ ޢާއިލާއަށް ކުރިމަތިވި ދަތިހާލާއި ވާގި ނެތިފައި އޮތް މަންމާފުޅަށް ބޭސްފަރުވާ ކުރެއްވުމަށް ކުރިމަތިވެވަޑައިގެންނެވި ދަތިތަކުގެ ސަބަބުންނެވެ.
ޢީދީގެ ބައްޕާފުޅަކީ ދެ ޤައުމު ބައިނުކުރާއިރު އިންޑިއާގެ ގުޖްރާތަށް ނިޞްބަތްވާ ވިޔަފާރިވެރިއެކެވެ. ޕާކިސްތާނަށް ހިޖުރަ ކުރެއްވީ 1947 ގެ ހަނގުރާމައަށްފަހު ޕާކިސްތާނު މިނިވަންވުމުންނެވެ.