މިޞުރުގެ ޚާރިޖީވަޒީރު ސަމީހް ޝުކުރީ އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަޔާންހޫ އާއި ދެބޭފުޅުން މިއަދު ބޭއްވެވި ބައްދަލުވުންތަކުގައި މިޞުރުގެ ކިބައިން އިޒްރޭލު އެދުނީ އިޒްރޭލުގެ ކޮޅަށް ކުޅެ ދިނުމަށެވެ.
ނަތަޔާންހޫ މިއަދުވެސް ބުނީ މައްސަލަތައް ހައްލުކުރެވޭނީ މެދުވެރިއަކު ބައިވެރިނުކޮށް އިޒްރޭލާ ފަލަސްޠީނުން މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެފަދަ ބައްދަލުވުމަކަށް މަގުފަހިކޮށްދިނުމަށް މިޞުރުން މަސައްކަތްކުރާތީ އުފާކުރާ ކަމަށެވެ.
އިޒްރޭލާއި ފަލަސްޠީނުގެ މެދުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް މިހައިތަނަށް ކުރި ހުރިހައި މަޝްވަރާތަކެއް ވަނީ ފެއިލްވެފައެވެ. އެހެންކަމުން އެއީ އެއްވެސް ނަތީޖާއެއް ނެރެވިދާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ.
ދުނިޔެވެސް އެކަން ޤަބޫލުކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި މައްސަލަ ހައްލުކުރުމަށް ފްރާންސުން ވަނީ ޚާއްޞަ މަސައްކަތްތަކެއްވ ފަށައިފައެވެ. އެ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށްވެސް ދަނީ އުންމީދު ކުރެވެމުންނެވެ.
އިޒްރޭލާއި މިޞުރުގެ މެދުގައި ގުޅުންތައް އަންނަނީ ބަދަހިވަމުން ކަމަށްވުމުން މިޞުރުން އަދާކުރަން މިއުޅޭ ދައުރާއިމެދު ވަނީ ސުވާލު އުފެދިފައެވެ.