ކޮރަޕްޓް ވެރިއަކަށްވުރެ އަނިިޔާވެރި ވެރިއެއް މާރަނގަޅު ކަމަށް ބުނެ ޕާކިސްތާނުގަ ކެމްޕޭނެއް ފަށައިފިއެވެ.
މިކެމްޕޭނުގައި އަސްކަރިއްޔާއަށް ގޮވާލަމުން ގެންދަނީ އިންޤިލާބެއް ގެނެސް ނަވާޒް ޝަރީފް ވެރިކަމުން ދުރުކޮށް އަސްކަރީ ވެރިޔާ ވެރިކަމާ ހަވާލުމަށެވެ.
ޕާކިސްތާނުގެ ބޮޑެތި ސިޓީތަކުގައި މިހާރު ގެންދަނީ އެކަމަށް ގޮވާލައި ޕޯސްޓަރުތައް ހަރުކުރަމުންނެވެ. ބައެއް ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ﷲ ފުރުޞަތު ދެއްވަވާނީ އެކަމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި ވެރިކަން ބަދަލުކުރަން މަސައްކަތް ފަށަންވީ ވަގުތު އައިސްޖެހިއްޖެ ކަމަށެވެ.
ބޮޑުވަޒީރު ނަވާޒް ޝަރީފާއި ގުޅުވައިގެން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ގިނަ ބައަކު ބުނަމުން ގެންދަނީ ވެރިކަމުގައި ނަވާޒް ޝަރީފް ހުންނަވާނަމަ ކޮރަޕްޝަނުގެ މައްސަލަތައް ދާނީ އިތުރުވަމުން ކަމަށެވެ.
ނަވާޒް ޝަރީފުގެ ސަޕޯޓަރުން ބުނަނީ މިއީ އަސްކަރީ ވެރިޔާ ރާވައިގެން ހިންގުވަން އުޅޭ ބޮޑު ޖަރީމާއެއް ކަމަށެވެ. އަސްކަރީ ވެރިޔާގެ މުއްދަތު ނޮވެމްބަރުމަހު ހަމަވާތީ ނަވާޒް ޝަރީފް ގެންދަވަނީ އެހެން މީހަކު އިސްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.