ޑރ. ޒާކިރު ނައިކް އާއިމެދު ދޮގު ވާހަކަތަކާއި ދޮގު ތުހުމަތުތައް ފަތުރަނީ އިސްލާމް ދީނަށް އަމަލުނުކުރާ މީހުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. ޒާކިރު ނައިކް ވިދާޅުވެއްޖެއެވެ.
ޑރ. ޒާކިރު ނައިކް މިއަދު ވިދާޅުވީ އޭނާ އަކީ ޓެރަރިޒަމަށް ހިތްވަރު ދެއްވާ އިލްމުވެރިއެއް ކަމަށް ނޫސްތަކުގެ ފަލަ ސުރުޚީތަކުގައި ލިޔަންފެށުމުން ލިބިވަޑައިގަތީ ޝޮކެއް ކަމަށެވެ. އަދި ބަންގްލަދޭޝް އިން އެފަދަ ތުހުމަތެއް ކުރުމުން އެ ޤައުމުގެ އޮފިޝަލުންނާއި ގުޅުއްވި ކަމަށެވެ.
"އެމީހުން ނުބުނޭ ރެސްޓޯރަންޓަށް ހަމަލާދިން އެކަކު އެކަންކުރީ އަހަރެން ހިތްވަރުދީގެން ކަމަކަށް. ދުނިޔޭގައި އެތައް މިލިއަން އަހަރެންގެ ފޭންސް (ތާއީދުކުރާ މީހުން) އެބަތިބި. ބަންގްލަދޭޝްގެ 90 އިންސައްތަ އަހަރެން ދަންނާނެ. އެއިގެ ތެރެއިން 50 އިންސައްތައަކީ އަހަރެންގެ ފޭންސް."
ޑރ. ޒާކިރު ނައިކް ވިދާޅުވީ ދުވަހަކުވެސް ޓެރަރިޒަމަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފައި ނުވާނެ ކަމަށާއި ޓެރަރިޒަމާއި ހަރުކަށި އަމަލުތަކަށް ދުވަހަކުވެސް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި މައްސަލަތައް ކުރިމަތިވަނީ އިސްލާމް ދީނުގައި އޮންނަ ގޮތަށް ނޫސްވެރިން އަމަލުނުކުރާތީ ކަމަށެވެ. "އިސްލާމް ދީނުގައި އޮންނަނީ ޚަބަރެއް ލިބިއްޖެ ނަމަ އެކަން ހޯދައި ބަލައި ޔަޤީންކުރަން. އެކަން ނުކުރާތީ މައްސަލަތައް އުފެދެނީ."
"މީޑިއާ އަކީ ދުނިޔޭގެ އެންމެ ގަދަ ބާރު. މީޑިއާއަށް ބަޠޮލެއް ނުބައިމީހަކަށް ހެދިދާނެ. އަދި ނުބައި މީހެއް ބަތޮލަކަށްވެސް ހެދިދާނެ."
ޑރ.ޒާކިރު ނައިކް ވިދާޅުވީ އަދި މިހައިތަނަށް އިންޑިއާގެ އެއްވެސް އޮފިޝަލަކު އޭނާ އާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާކަމަށާއި އަދި ސުވާލުކޮށްފިނަމަ ޖަވާބު ދެއްވާނެ ކަމަށެވެ. އަދި އޭނާ އާއިމެދު ކުރަމުންގެންދާ ތުހުމަތުތަކަށް ސޯޝަލް މީޑިއާ މެދުވެރިކުރައްވައިގެން އަމިއްލަފުޅަށްވެސް ޖަވާބު ދެއްވަމުން ގެންދަވާނެ ކަމަށެވެ.
ޚަބަރާ ގުޅުންހުރި ވީޑިއޯ