ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާއިމެދު ހޭގް ކޯޓުން އަންގާރަ ދުވަހު ނިންމި ނިންމުން ބަލައި ނުގަންނަން ޗައިނާ އިން ނިންމައިފިއެވެ.
ޔޫރަޕިއަން ކައުންސިލުގެ ރައީސް ޑޮނާލްޑާއި އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް ޖީން ކްލައުޑޭ އާއި ބީޖިންގގައި އިއްޔެ ބައްދަލުކުރައްވައި ރައީސް ޒީ ޖިންޕިން ވިދާޅުވީ ކޯޓުގެ އެ ނިންމުން އެއްވެސް މިންވަރަކަށް ޗައިނާއިން ބަލައި ނުގަންނާނެ ކަމަށެވެ.
ރައީސް ޒީ ވިދާޅުވީ ޗައިނާއިން ރަށްތައް ހިއްކާފައިވަނީ ޒަމާނުންސުރެ ޗައިނާގެ އަމިއްލަ ސަރަހައްދުގައި ކަމަށާއި އެ މަޝްރޫއަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަދި ބަދަލެއް ގެންނަން ޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.
ރައީސް ޒީ ވިދާޅުވީ ޗައިނާ އަކީ އަބަދުވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ބޯލަނބާ ޤައުމެއް ކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ހިމާޔަތްކުރާ ޤައުމެއް ކަމަށެވެ. އަދި އަދުލުވެރި އިންސާފުވެރި ނިންމުންތައްވެސް ބަލައިގަންނަ އަދި އަމަލުކުރާ ޤައުމެއް ކަމަށެވެ. ހަމައެއާއިއެކު ޗައިނާ އަކީ އަބަދުވެސް ޞުލްހަވެރިކަމާއިއެކު ތަރައްޤީއަށް މަސައްކަތްކުރާ ޤައުމެއް ކަމަށްވެސް ރައީސް ޒީ ވިދާޅުވިއެވެ.
ރައީސް ޒީ ވިދާޅުވީ ޗައިނާއަކީ އަވަށްޓެރި ޤައުމުތަކާއި ގުޅިގެން ޞުލްޙަވެރިކަމާއިއެކު މަސައްކަތްކުރަން ބޭނުންވާ ޤައުމެއް ކަމަށާއި ކޮންމެ ކަމެއްގައި ވެސް މަޝްވަރާކޮށްގެން ޙައްލު ހޯދަން ބޭނުންވާ ޤައުމެއް ކަމަށެވެ.
ޗައިނާއިން އަންގާރަ ދުވަހު ބުނެފައިވަނީ ޗައިނާއަކީ އަބަދުވެސް ބައިނަލްއަޤްވާމީ ޤާނޫނުތައް ހިމާޔަތްކޮށް ތަންފީޒުކުރަން ބޭނުންވާ ޤައުމެއް ކަމަށެވެ. އަދި ހެއިގް ކޯޓުގެ ނިންމުމަކީ ވަކި ބައަކު ބޭނުންވާ ގޮތަށް ހޭގް ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށް ޤަބޫލުކުރާ ކަމަށެވެ.
"ޔޫރަޕިއަން ޔޫނިއަނުން ކަމެއް ނިންމި ނަމަވެސް އެހެން ބައަކު ކަމެއް ނިންމި ނަމަވެސް އެކަމެއް ނިންމަންވާނީ އިންސާފުން" ކަމަށްވެސް ޗައިނާ އިންވަނީ ބުނެފައެވެ.