ތުރުކީގައި ބަޣާވާތްކުރި ސިފައިންގެ އިސްޖެނެރަލުންތަކުގެ ތެރެއިން އަތުލައިގެނެވުނު ހުރިހައި ޖެނެރަލުންތައް ޖަލަށް ލައި ކުޑަގޮޅިތަކުގައި ބަންދުކޮށްފިއެވެ.
ބޮޑުވަޒީރު ޔިލްޑްރިން ވިދާޅުވީ ބަޣާވާތުގައި ބައިވެރިވި އެންމެންގެ މައްސަލަތައް ކޯޓުތަކަށް ފޮނުއްވާނެ ކަމަށާއި ދޭނެ އަދަބު އެނގޭނީ ކޯޓުތަކަށް ކަމަށެވެ.
ތުރުކީގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތްނަމަވެސް މަރުގެ އަދަބު އަލުން ދޭންފެށުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޕާލަމެންޓުގެ ބޮޑު އަޣުލަބިއްޔަތެއް އޮތީ ސަރުކާރަށެވެ.
އެމެރިކާ އާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން މަރުގެ އަދަބު ދޭން ނުފެށުމަށް ގެންދަނީ ގޮވައިލަމުންނެވެ. އަދި ޤާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރުމަށް ވެސް ގެންދަނީ ގޮވައިލަމުންނެވެ.
ބޮޑުވަޒީރު ވިދާޅުވީ އިންޤިލާބެއް ގެނެސް ތުރުކީގެ ޤާނޫނީ ވެރިކަން ވައްޓައިލަން މަސައްކަތްކުރި އެންމެންނަކީ ވެސް ބާޣީން ކަމަށެވެ. އަދި ރައްޔިތުންގެ ބޮލަށް ބަޑިޖެހީ ޓެރަރިސްޓުން ކަމަށެވެ.