އިންރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސައުދިއަރަބިޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުފުނި ކަމަށްވާ ބިންލާދިން ގްރޫޕަށް މިދިއަ އަހަރު ކުރިމަތިވި މާލީ ދަތިތަކުން އެކުންފުނި ސަލާމަތްވެއްޖެއެވެ.
ތެލުގެ އަގުވެއްޓުމާއި ގުޅިގެން މެދުއިރުމަތީގެ އިޤްޠީޞާދަށް ކުރިމަތިވި މަައްސަލަތަކުގެ ސަބަބުންނާއި އަދި ހަރަމްފުޅުގެ ސަރަހައްދަށް ސޭލާ ވެށްޓުނު މައްސަލައާއި ގުޅިގެން އެކެންފުންޏަށް ވަނީ މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައެވެ. މަސައްކަތްތައް ހުއްޓުނު ނަމަވެސް އެތައް ހާސް ބައަކަށް މުސާރަ ދޭންޖެހުމަކީ ކުންފުންޏަށް މާލީ ގޮތުން ދަތިތައް ކުރިމަތިވި އެންމެ ބޮޑު ސަބަބެވެ.
ސައުދިއަރަބިޔާއިން ވަނީ އެ ގްރޫޕާއިމެދު އެޅި ފިޔަވަޅުތައް މީގެ 3 މަސް ދުވަސް ކުރިން ނިމުމަކަށް ގެނެސް ކުންފުނީގެ ބިލްތަކަށް ފައިސާ ދޫކުރަން ފަށައިފައެވެ. އަދި ނުފަށައި މަޑުކޮށްފައި ހުރި ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައްވެސް ވަނީ ފަށައިފައެވެ.
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ތަރައްޤީ ކުރާ އައު ޓަރމިނަލް އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ ބިންލާދިން ގްރޫޕާއިއެވެ. އެގްރޫޕުން ވަނީ މުއްދަތަށް މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަން ދީފައެވެ.