ސައުދިއަރަބިޔާގެ ބައްޕައަކު 5 ދަރިން ވަގަށް ނަގައި ނުރައްކާތެރި ހާލުތުގައި ހުރި ރިފިޔުޖީ ކޭމްޕަކަށް ދޫކޮށްލައިފިއެވެ.
ދަރިންގެ މަންމަ ބުނީ ކައިވެނި ރޫޅުމަށްފަހު ދަރިން ބެލުމުގެ ޙައްޤު ކޯޓުން ހޯދީ އޭނާކަމަށެވެ. ބައްޕަ ދަރިން ވަގަށް ނެގީ މީގެ އަހަރެއްހައި ދުވަސް ކުރިން ކަމަށެވެ. ދަރިން ހޯދުމުގެ މަސައްކަތް އޭނާ އައީ ކުރަމުން ކަމަށެވެ.
"އެއްދުވަހު އައިސް ބުނީ ކުދިން ގޮވައިގެން ޕާކަކަށް ދާވާހަކަ. ދެން އަހަރެން ކުދިންގެ އުފަލަށްޓަކައި ފޮނުވީ. ކުޑަކޮށްވެސް ހިތަކަށް ނާރާ އެއުޅެނީ ކުދިން ވަގަށް ނަގަން ކަމަކަށް. ކުދިން އަނބުރައި ނުގެނައިމަ އެނގުނީ. އެހިސާބުން ކުދިން ހޯދަން މަސައްކަތް ފެށީ."
އޭނާބުނީ އެކިއެކި އެމްބަސީތަކާއި އެޖެންސީތައް މެދުވެރިކޮށްގެން ކުރި މަސައްކަތުން ކުދިން ފެނިފައިވަނީ ތުރުކީއާއި ސީރިޔާގެ ބޯޑަރުގައި ގަދައަށް ހަނގުރާމަ ކުރަމުން ގެންދާ ސަރަހައްދެއްގައި ހުރި ރިފިޔުޖީ ކޭމްޕަކުން ކަމަށެވެ. އެހެންކަމުން ކުދިން އެތަނުން ނެރެގެން ގެނައުންވެސް ވެފައިވަނީ ނުރައްކާތެރި ކަމަކަށް ކަމަށެވެ. "އޭނާ ކުދިން ގެންގޮސް އެތަނަށް ދޫކޮށްލާފައި ފިލީ."
އޭނާ ބުނީ ވަގަށް ނެގިއިރު އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ ދިހަ އަހަރު ކަމަށާއި އެންމެ ހަގުދަރިފުޅުގެ އުމުރަކީ ދޮޅު އަހަރު ކަމަށެވެ. "އެންމެ ދެރަ ކަމަކީ އެއް އަންހެން ދަރިއަކީ ލޮލަށް ފެނުމުގަ މައްސަލަ ހުރި ކުއްޖެއްކަން. ދެންހުރި އަންހެން ދަރިއަކީ ސިކުނޑީގަ މައްސަލަ ހުރި ކުއްޖެއްކަން. މިފަދަ ދަރިންތަކެއް އެއުކައިލީ އެއްވެސް ރަޙުމެއް ނެތި."
ސައުދީ ހޯމް މިނިސްޓްރީ އާއި ތުރުކީ ސަރުކާރުން ގެންދަނީ ކުދިން ސަލާމަތްކޮށް މަންމަ އާއި ހަވާލުކުރުމަށް މަސައްކަތްކުރަމުންނެވެ.
ބެލެވޭގޮތުން ދަރިންނަށް މިހައި ބޮޑު ނިކަމެތިކަމެއް ދިނީ މަންމައަށް އެކަމުން ހިތްދަތިކަން ދިނުމަށެވެ.