އެމެރިކާއިން މުސްލިމުންނާއިމެދު ތަފާތުކުރާ ކަމަށް ބުނެ ދައްކަނީ ދޮގު ވާހަތަކެއް ކަމަށާއި ހުޅަނގުގެ ޤައުމުތަކުން އެގެންދަނީ މުސްލިމުންގެ ދީނާ ހަނގުރާމަކުރަމުން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.
ރައީސް އޮބާމާ ވިދާޅުވީ މުސްލިމުންނަށް އިނގިލި ދިއްކުރުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް އޮބާމާ މިމޭރުމުން ވިދާޅުވީ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި މުސްލިމުންނަށް ދެއްވި ޖާފަތެއްގައެވެ.
"މިއީ ރޯދަ އާއި ގުޅުވައިގެން އަހަރެން ދިން ޖާފަތެއް. ރޯދަ މަސް ނިމިއްޖެ މިމަހު ކުރީކޮޅު. އެކަމަކު މުސްލިމުން ތިބޭނީ ރޯދަމަހު ތިބި ވަރަށް ބަނޑުހައިވެގެންނޫންކަން އަހަރެންނަށް އެނގޭ." ސަމާސާ މިޒާޖެއްގައި ރައީސް އޮބާމާ ވިދާޅުވިއެވެ.
މިޖާފަތުގައި ދާދިފަހުން ނިޔާވި މަޝްހޫރު ބޮކްސިންގ ތެޅުންތެރިޔާ މުޙައްމަދު ޢަލީގެ އަނބިކަނބަލުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިކުރެއްވިއެވެ.
އެމެރިކާއަކީ އިސްލާމް ދީނާ ދެކޮޅަށް އެންމެ ވަރުގަދައަށް މަސައްކަތްކުރާ ޤައުމުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އެމެރިކާގެ އެތެރޭގެ އުދުހުންތަކުގައި މުސްލިމުންނަށް ގޯނާ ކުރުމަކީ ވެސް ފަހަކަށް އައިސް ޢާންމުވެފައިވާ ކަމެކެވެ. މިފަދަ ބައެއް މައްސަލަތައް ވަނީ ޝަރީއަތަށްވެސް ފޮނުވައިފައެވެ.