ކައިވެނީގެ ހަފްލާތަކަށް ބޮޑު އިންޤިލާބެއް ގެނެސް އެހީވުމުގެ ރަސްމިއްޔާތަކަށް ބަދަލުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ކައިވެނީގެ ހަފްލާތަކަށް ބޮޑު އިންޤިލާބެއް ގެނެސް އެހީވުމުގެ ރަސްމިއްޔާތަކަށް ބަދަލުކޮށްފި
އިންޑިއާގެ ދެ ޒުވާނުން ކައިވެނިކުރުމަށްފަހު ކައިވެނީގެ ހަފްލާތައް ބޭއްވުމަށް ބޮޑު އިންޤިލާބެއް ގެނެސް ބޮޑު ޕާޓީ ބޭއްވުމުގެ ބަދަލުގައި ފަޤީރުންނަށް އެހީތެރިވުމުގެ ރަސްމިއްޔާތަކަށް ބަދަލުކޮށްލައިފިއެވެ.

އިންޑިއާގައި ބޮޑެތި ކައިވެނީގެ ހަފްލާތައް ބޭއްވުމަށް އަހަރަކު 1 ލައްކަ ކުރޯޑް ރުފިޔާ ޚަރަދުކުރެއެވެ. ކައިވެންޏަށް ކުރަންޖެހޭ ގޭދަ ބޮޑުކަމުން ކައިވެނި ނުކުރެވިފައި ތިބި ޒުވާނުންގެ އަދަދު އެތައް މިލިއަނަށް އަރައެވެ. ޑައުރީއަކީ އެންމެ ބޮޑު ވަބާއެވެ.

އަބޭ ދިވާރީ އާއި ޕްރީތީ ކުމްބާރީ ކައިވެނިކުރުމަށް ހޭދަކުރީ ކައިވެންޏަށް ދެމީހުންނަށް ޖަމާކުރެވުނު އަމިއްލަ ފައިސާއެވެ. ބެލެނިވެރިން ލައްވައި އެއްވެސް ޚަރަދެއް ނުކުރެވެއެވެ.

ދެމީހުންނަށް ޖަމާކުރެވުނު ފައިސާ ބަދަލުކޮށްލީ ދެމީހުންގެ ނަމުގައި އެއް އެކައުންޓަކަށެވެ. އެއަށްފަހު ބޮޑު ހަފްލާ ބޭއްވުމުގެ ބަދަލުގައި ފުރަތަމެއްގެ ގޮތުން ކުރި ކަމަކީ ދަރަނީގެ ސަބަބުން ސިކުނޑި ގޮވައި އެކަކު އަމިއްލައަށް މަރުވެފައިވާ ދަނޑުވެރިންގެ ޢާއިލާތައް ހޯދައި 10 ޢާއިލާއަށް، ކޮންމެ ޢާއިލާއަކަށް 20،000 ރުޕީސް ހަދިޔާ ކުރުމެވެ.

ދެވަނައަށް ކުރި ކަމަކީ ފަޤީރުންގެ ސްކޫލުތަކުގެ ލައިބްރަރީތަކަށް 52،000 ރުޕީސްގެ ފޮތް ހަދިޔާކުރުމެވެ. ކައިވެންޏާއި ގުޅިގެން ކޮންމެހެން ކާންދޭންޖެހޭ މީހުންނަށް ދިނީ ވަރަށް އާދައިގެ ކެއުމެކެވެ.

އިންޑިއާގައި އެންމެ ގިނަ އާއިލާތައް ދަރަނިވެރިވަމުންދާ އެއްކަމަކީ ކައިވެންޏަށް ކުރަންޖެހޭ ހޭދަ ބޮޑުވުމެވެ. މިފަދަ ދަރަނިތައް އަދާނުކުރެވިގެން މަރާއިކުރިމަތިލަންޖެހޭ ޢާއިލާތައްވެސް ވަރަށް ގިނައެވެ. ޑަވްރީ ނުދެވިގެން ދިރިހުއްޓައި އަންދައިލެވޭ އަންހެނުންގެ އަދަދުވެސް ހަމައެހައި ގިނައެވެ.

އެހެންކަމުން އިންޑިއާގައި ކައިވެނިކުރުމުގެ ޘަޤާފަތަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހިފައިވާކަން ގިނަ ބައަކު ފާހަގަކުރަމުން ގެންދާއިރު އެކަން ބަދަލުކުރުމުގެ ބާރު އޮތީ ކައިވެނިކުރެވޭ ދެމަފިރިންނާއި ބެލެނިވެރިންގެ އަތުގައެވެ.

މިދެމަފިރިން މިދެއްކި ނަމޫނާ ބަލައިގެންފިނަމަ ހާލަތަށް ވަރަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން