އިންޑިއާގެ ސޮފްތްވެއަރ އިންޖިނިއަރެއް ކަމަށްވާ އަދިތިޔާ ތިވާރީ ގަދަކަމުން ނުކުޅެދުންތެރިކަންހުރި ކުއްޖެއްގެ ބައްޕައަށް ވެއްޖެއެވެ. އަދި އޭނާ ވެގެން ދިއައީ އެފަދަ ކުއްޖެއްގެ ބައްޕައަކަށްވީ އެންމެ ޒުވާން ބައްޕަ ކަމަށެވެ.
އަދިތިޔާ އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ ތަންތަނަށް ޒިޔާރަތްކޮށް އެފަދަ ފަރާތްތަކާއިއެކު ވަގުތު ހޭދަކުރާ މީހެކެވެ. އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ.
2014 ވަނަ އަހަރު އޭނާ ބޭނުންވީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ ޝަރުޢީ ބެލެނިވެރިއަކަށް ވުމަށެވެ. ނަމަވެސް އިންޑިއާގެ ޤާނޫނު ބުނާ ގޮތުން ހުރަސްތަކެއް ކުރިމަތިވިއެވެ. އެއީ ޤާނޫނުގައި ބުނަނީ އެފަދަ ބެލެނިވެރިއަކަށް ވެވޭނީ އުމުރުން 30 އަހަރުވުމުން ކަމަށްވެފައި އޭނާގެ އުމުރަކީ 28 އަހަރު ކަމަށްވުމުންނެވެ.
އަދިތިޔާ އެކަން އެހެން އޮންނަން ބޭނުމެއް ނުވިއެވެ. ކަމާއިބެހޭ ހުރިހައި ފަރާތްތަކަށް މައްސަލަ ހުށަހެޅިއެވެ. ބޮޑުވަޒީރަށް ވެސް ސިޓީ ލިޔުނެވެ. ނަތީޖާއެއްގެ ގޮތުން މިދިއަ އަހަރު ވަނީ އެފަދަ ބެލެނިވެރިއަކަށްވުމުގެ އުމުރު 25 އަށް ދަށްކޮށްފައެވެ.
އަދިތިޔާ ތިވާރީ އޭނާގެ ދަރިއަކަށް ހަދަން ބޭނުންވި ބިނީ މިއަހަރުގެ ޖަނަވަރީމަހު ވަނީ އަވްނީޝް ތިވާރީއަށް ބަދަލުކޮށްފައެވެ.
އަވްނީޝް އަކީ ނުކުޅެދުންތެރިކަން ހުރި ކުއްޖެއްގެ އިތުރުން ހިތުގައި ލޯވަޅެއްވެސް ހުންނަ ކުއްޖެކެވެ. އެފަދަ ކުއްޖަކު ނުބެލޭނެކަމަށް ބުނެ ގިނަ ބައަކު ބުނަމުން ދިއައީ އެފަދަ ކުއްޖަކާ ހަވާލު ނުވުމަށެވެ. ނަމަވެސް އަދިތިޔާ ބޭނުންވީ ހަމަ އެކުއްޖާ އާއި ހަވާލުވެ ދަރިއަކަށް ހަދާށެވެ. އޭނާ ވަނީ އެކަން ކޮށްފައެވެ.
އަދިތިޔާ ކައިވެނިކުރަން ބޭނުންވީ ވެސް އެކުއްޖާ ބެލެހެއްޓޭނެ ބަލަހައްޓަން ޝައުޤުވެރިވާ އަންހެނަކާއިއެވެ. އެހެންކަމުން ބޭނުންވި ވަރަށްވުރެ ކައިވެނި ފަސްކުރަންޖެހުނު ނަމަވެސް އަދިތިޔާ މިހާރު ވަނީ ކައިވެނިކޮށްފައެވެ.
އަދިތިޔާ އޭނާގެ ކައިވެންނަށް އެއްވެސް މީހަކަށް ދައުވަތެއް ނުދެއެވެ. ނަމަވެސް އުފާވެރިކަން ލިބެނީ ކައިވެނީގައި 10،000 މީހުން ބައިވެރިވުމުންނެވެ. ގިނައިން ތިބީ ނުކުޅެދުންތެރިކަން ހުރި ކުދިންގެ ބެލެނިވެރިންނެވެ.
އެންމެންގެ ކުރިމަތީގައި "އަހަރެން އަދިތިޔާއަށްވުރެ އަވްނީޝް ދެކެ ލޯބިވާ" ކަމަށް އަދިތިޔާގެ އަންހެނުން ބުނުމުން އެކަންވެގެން ދިއައީ އެންމެންނަށް ލިބުނު ވަރަށް ބޮޑު ހައިރާން ކަމަކަށެވެ.
އެހެން ކައިވެނިތަކާއި ޚިލާފު ކަމެއްވެސް ހިނގިއެވެ. އެންމެންގެ ހިތުގެ އަޑިން ކުރި ހެޔޮ ދުޢާ ލިބުމެވެ. އެންމެން އެކުގައި ތަކުރާރުކޮށް ދުޢާކުރުމެވެ.
ދެން އޮތީ އަދިތިޔާ އިސްލާމްވާނެ ދުވަހަކަށް އިންތިޒާރުކުރުމެވެ. އިންސާނިއްޔަތަށް ލޯބިކުރާ މިފަދަ ގިނަ ބައަކު ދަނީ އިސްލާމްވަމުންނެވެ.