6 އަހަރުގެ އަންހެން ކުއްޖަކާ ކައިވެނިކޮށްގެން އުޅުނު "ދީނީ އިލްމުވެރިއަކު" އަފްޣާނިސްތާނު ފުލުހުން އަތުލައިގެންފިއެވެ.
އުމުރުން 60 އަހަރުގެ މުޙައްމަދު ކަރީމް ބުނީ އެ ކުއްޖާގެ މައިން ބަފައިން "އަޅުކަމެއްގެ ގޮތުން" އޭނާއަށް ދަރިފުޅު ހަދިޔާކުރީ ކަމަށެވެ. ފުލުހުން ކުރި މަސައްކަތުން އެނގުނީ އެ ކުއްޖާއަކީ އީރާނާއި އަފްޣާނިސްތާނު ބޯޑަރުގައި އޮންނަ ހެރަތް ޕްރޮވިންސުން މިމީހާ ގެނެސްގެން ގެންގުޅުނު ކުއްޖެއް ކަމެވެ.
އަންހެން ކުދިންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ގޮސް އެކުއްޖާ އާއި ވާހަކަ ދައްކަން މަސައްކަތްކުރުމުން ހަމައެކަނި އެކުއްޖާ ބުނާ ބަހަކީ "އަހަރެން މި މީހާ ދެކެ ބިރުގެނޭ" އެވެ. އެހެން ބަހެއް ނުބުނެއެވެ. ތަކުރާރުކޮށްވެސް ބުނަނީ ހަމަ އެހެންނެވެ.
އެކުއްޖާ މިހާރު ވަނީ އެފަދަ ކުދިން ބަލަހައްޓާ މަރުކަޒަކަށް ގެންގޮސްފައެވެ. ފުލުހުން ވަނީ ކުއްޖާގެ މައިންބަފައިން ހޯދައި ކުއްޖާ އާއި ހަވާލުވުމަށް އައުމަށް އަންގައިފައެވެ.