އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް އަދި ދެކުނު އެފްރިކާގެ ހައްޖުވެރިން ސައުދިއަރަބިޔާއަށް ދާން ފަށައިފިއެވެ. މިއަހަރުގެ ހައްޖު މޫސުމަށް މީހުން ދިއަ ފުރަތަމަ 4 ޤައުމަކީ މި 4 ޤައުމެވެ.
މި 4 ޤައުމުން ޙައްޖުވެރިން ދާން ފަށާފައިވަނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.
ހައްޖުވެރިން ގޮވައިގެން ދިއަ ފުރަތަމަ ފްލައިޓަކަށްވީ ބަންގްލަދޭޝްގެ ފްލައިޓެކެވެ. ޖިއްދާއަށް އެފްލައީޓުން 401 މީހުން ގޮސްފައިވާއިރު ބަންގްލަދޭޝްއަށް މިއަހަރުވަނީ 101،758 މީހުންގެ ކޯޓާ ލިބިފައެވެ.
340 މީހުން ގޮވައިގެން އިންޑިއާއަށް ދިއަ ފްލައިޓް ޖައްސާފައިވަނީ މަދީނާއަށެވެ. އިންޑިއާއަށް މިއަހަރު ލިބިފައިވަނީ 136،000 މީހުންގެ ކޯޓާއެވެ.
ޕާކިސްތާނުގެ ފުރަތަމަ ފްލައިޓުން ބުރާސްފަތި ދުވަހު ދިއައީ 320 މީހުންނެވެ.
ސައުދިއަރަބިޔާއިން ލަފާކުރާގޮތުގައި ހައްޖަށް މީހުންދާނެ އެންމެ ފަހު ދުވަސްކަމަށްވާ ޛުލްހައްޖު މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކޮންމެ ދުވަހަކު 312 ފްލައިޓުގައި 70،000 މީހުން ޙައްޖުވުމަށް ދާނެއެވެ.