ޤަވާއިދާ ޚިލާފަށް މަސައްކަތްކުރުވާނަމަ 2 އަހަރަށް ޖަލަށް ލުމާއެކު 1 މިލިއަން ރިޔާލައިން ޖުރުމަނާ ކުރުމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
އިކޮނޮމިކް އެންޑް ލޭބަރ މިނިސްޓްރީން ބުނީ ދާދިފަހުން ބެލިބެލުމުންތަކުން ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރަމުންދިއަ 290 މީހަކު އަތުލެވިފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން މީހުން އަތުލެވުނީ މައްކާ އިން ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ޤަވާއިދާއި ޚިލާފަށް މީހުން އެތެރެކޮށް މަސައްކަތް ކުރުވާ 1436 ކުންފުނި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަށް ޤަވާއިދުތައް ވަރުގަދަކުރަންޖެހުނީ މިފަދަ ކުންފުނިތަކުގެ ސަބަބުން ކަމަށެވެ.
ސައުދީން މިހާރު އަމަލުކުރަމުން ގެންދާ ޤަވާއިދުގެ ސަބަބުން މިފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ އެފަދަ ކަމެއް ކުރި ކުންފުނި 5 އަހަރު ދުވަހަށް ބަންދުކުރެވޭނެއެވެ. އަދި 5 އަހަރުވަންދެން ކުންފުނީގެ ވެރިންނަށް އެއްވެސް ވިޔަފާރިއެއް ކުރުމުގެ ހުއްދައެއް ނުލިބޭނެއެވެ.