ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ މަޤާމުގެ މަސްއޫލިއްޔަތުން ދުރަށް ޖެހިވަޑައިގަންނަވަން ޤަޞްދުކުރައްވަވާކަން ހާމަކުރައްވައިފިއެވެ.
މިއަދު ޤައުމާއި މުޚާޠަބްކުރަވަމުން އުމުރުން 82 އަހަރުގެ އެމްޕަރަރ ވިދާޅުވީ ޞިއްޙީ ހާލުކޮޅާއި އެހެންވެސް ބައެއްކަންކަން މިހާރު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިފުޅުތަކެއް އެބަހުރި ކަމަށެވެ.
އެމްޕެރަރގެ ތަޤްރިރާއި ގުޅިގެން ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެމްޕެރަރގެ ވާހަކަފުޅުން ސީދާ ބޭނުންފުޅުވާ ގޮތް މުޅިން ސާފުނުވާ ކަމަށެވެ. ނަމަވެސް އެމްޕެރަރގެ ވާހަކަފުޅުތަކަށް ފުންކޮށް ވިސްނަވާނެ ކަމަށެވެ. "އެމަނިކުފާނުގެ އުމުރުފުޅާއި މަސްއޫލިއްޔަތު އަހަރެމެންނަށް އެބައެނގޭ. އެހެންވީމާ އެމްޕެރަރއަށް ތަކްލީފަކަށް ނުވާނެ ގޮތެއް ހަމަޖައްސަން ޖެހޭނެ."
ޖަޕާނުގެ އެމްޕެރަރ އިސްތިއުފާ ދެއްވައިފިނަމަ އަމަލުކުރާނެ ގޮތެއް ޖަޕާނުގެ ޤާނޫނު އަސާސީގައި އަދި ނެތުމުން މިކަމަށް ގޮތެއް ނިންމަން ސަރުކާރަށް ޖެހޭނެއެވެ.
އެމްޕެރަރ އަކިހީޓޯ ރަސްމީ އިހްތިފާލްތަކުގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް ޤައުމާއި މުޚާޠަބްކުރައްވައި ވާހަކަފުޅު ދެއްކެވި މިއީ 2 ވަނަ ފަހަރެވެ. ފުރަތަމަ ފަހަރަ ވާހަކަފުޅު ދެއްކެވީ ޖަޕާނަށް ވިދިވިދިގެން 3 ބޮޑު ބިންހެލުން އައިސް ބޮޑެތި ގެއްލުންތަކެއް ލިބުމުން އެކަމުގެ ހިތާމައިގައެވެ.