ހައިހޫނުކަމުގެ ހަޅުތާލުކުރުމުގެ އެންމެ ދިގު މުއްދަތުގެ ރެކޯޑް ހޯދި އިރޮމް ޝަރުމިލާ، 16 އަހަރު ދުވަސްވަންދެން ކުރި ހައިހޫނުކަމުގެ ހަޅުތާލު ނިންމައި ޗީފް މިނިސްޓަރުކަމަށް ކުރިމަތިލާނެ ކަމަށް ބުނެފިއެވެ.
2000 ވަނަ އަހަރު ކުރަންފެށި މިހަޅުތާލާއި ގުޅިގެން އޭނާ އިނީ ބަންދުގައެވެ. އެއީ އަމިއްލައަށް މަރުވާން މަސައްކަތްކުރާކަމުގެ ކުށުގައެވެ. ފާއިތުވި 16 އަހަރު އޭނާގެ އަނގައިން އެއްވެސް އެއްޗެއް ކައިބޮއި ހަދާފައެއް ނުވެއެވެ. އޭނާގެ އެތެރެހަށްޓަށް ފޮނުވި ހުރިހައި އެއްޗެއް ފޮނުވީ ނޭފަތަށް ހޮޅިއެއް ލައްވައިގެންނެވެ.
ޝަރުމިލާ މިހަޅުތާލުކުރީ ނުރައްކާތެރި ހާލަތެއް ކަމަށް ސިފައިންނަށް ޤަބޫލުކުރެވޭ ކޮންމެ ހާލަތެއްގައި ބަޑިޖަހައި ރައްޔިތުން މެރުމަށް އިންޑިއާގެ ޤާނޫނުން ހުއްދަ ދީފައިވާތީ އެޤާނޫނު ބާޠިލުކުރުމަށް ގޮވާލައެވެ. ޝަރްމިލާ ބުނީ އެޤާނޫނަކީ އިންސާނިއްޔާއި ޚިލާފް ޤާނޫނެއް ކަމަށެވެ.
ޝަރުމިލާ ކުރަމުން އައި ހައިހޫނުކަމުގެ ހަޅުތާލު ނިންމަން ޤަޞްދުކުރުމުން އަންގާރަ ދުވަހު އޭނާ މަނިޕޫރުގެ ކޯޓަށް ހާޒިރު ކުރިއެވެ. ކޯޓުގައި ބުނީ 16 އަހަރު ދުވަހު ނުކައި ހައިހޫނު ކަމުގެ ހަޅުތާލުކުރުމުން އެއްވެސް ސަރުކާރަކުން އެކަމަށް އަޅައިނުލި ކަމަށެވެ. އެހެންކަމުން ދެން ޤަޞްދުކުރަނީ މައްސަލަ ސަމާލުކަމަށް ގެނައުމަށްޓަކައި ޗީފް މިނިސްޓަރުކަމަށް ކުރިމަތިލުމަށް ކަމަށެވެ.
ހައިހޫނު ކަމުގެ ހަޅުތާލު ނިންމުމުން އޭނާއަށް ދިން ފުރަތަމަ ކާނާއަކީ މާމުޔެވެ. މާމުއި ޖެއްސީ ނޫސްވެރިންނެވެ. ނޫސްވެރިން ގާތު ޝަރްމިލާ ބުނީ އޭނާއަށް "ދަގަނޑު އަންހެނާ"ގެ ނަން މިހާރު ދިފައިވާ ކަމަށާއި އެނަން ދަމަހައްޓާނެ ކަމަށެވެ. ދެން އަބަދުވެސް ފެންނާނީ ސިޔާސީ ހަރަކާތުގެ ތެރެއިން ކަމަށެވެ.
އުމުރުން މިހާރު 44 އަހަރުގެ ޝަރްމިލާ ހައިހޫނުކަމުގެ ހަލުތާލު ފެށީ އޭނާގެ އުމުރުން 28 އަަހަރުގައި ސިފައިން ބަޑިޖަހައި ޢާންމުންގެ 10 މީހުން އޭނާގެ ސަރަހައްދުން އެއް ފަހަރާ މަރާލުމުންނެވެ.