ސަރުކާރުގެ މަޤާމުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންގެ ބޭނުން ނަހަމަގޮތުގައި ހިިފާ މީހުން 7 މިލިއަން ރިޔާލައިން ޖުރުމަނާކޮށް 15 އަހަރަށް ޖަލަށް ލުމަށް ސައުދީ ސްޕްރީމް ކޯޓުން ނިންމައިފިއެވެ.
ސައުދީ ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ގޭންގުތައް ހިންގުވާ މީހުންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބެ މުވައްޒިފުންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީހުންނަށް ވެސް ހަމަ މިއުޞޫލުން އަދަބުދެވޭނެ ކަމަށެވެ.
ސައުދީ އެންމެ މަތީ ކޯޓުން ނިންމި ނިންމުމުގައިވަނީ އަންހެނުންނާއި ކުޑަކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަކީ ޖިނާޢީ ކުށެއް ކަމަށެވެ. އަދި އެހެން ބައަކު ލައްވައި ކުށެއް ކުރުވުމަކީވެސް ބޮޑު ކުށެއް ކަމަށާއި ކުށް ކުރާ މީހުންނާއި އެއްފަދައިން ކުށް ކުރުވާ މީހުންނަށްވެސް ބޮޑެތި އަދަބުތައް ދޭންޖެހޭނެ ކަމަށެވެ.
ކޯޓުން ބުނެފައިވަނީ މިފަދަ މައްސަލަތައް ބެލެވޭނީ އަދި ތަޙްޤީޤްކުރަންޖެހޭނީ ވެސް އެންޓި-މަނީ ލޯންޑްރިންގގެ ޤާނޫނުތަކާއި އެއްއުޞޫލަކުން ކަމަށެވެ.
ކޯޓުން ބުނެފައިވަނީ ފާއިތުވި އެއް އަހަރުދަވަހަށް ބަލާއިރު އަންހެނުންނާއި ކުޑަކުދިން ލައްވައި ސަލާން ޖެއްސުވުމުގެ 126 މައްސަލަ 6 ސަރަހައްދެއްގެ ކޯޓުތަކަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައްވެސް ހިމެނޭނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ކަމަށެވެ.
މީގެ އިތުރުން އެއްވެސް ބައަކަށް ބޯހިޔާވަހިކަން ދީގެން އެމީހުން ލައްވައި ޤަވާއިދާއި ޚިލާފަށް މަސައްކަތްކުރުވާނަމަ އެކަންކަން ބަލާނީ އިންސާނީ ވަގުފާރި ކުރުމުގެ މައްސަލަތަކުގެ ގޮތުގައި ކަމަށްވެސް ކޯޓުން ވަނީ ނިންމައިފައެވެ.
ކޯޓުން ބުނީ މިފަދަ އަމަލުތަކަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާކުރެވިފައިވާ ކަންކަން ކަމަށެވެ. އަދި އެފަދަ ކަންކަން ޢާންމުވަމުން ދަނީ ދޭ އަދަބުކުޑަވުމުން ކަމަށެވެ.