މިއަހަރުގެ ހައްޖު މޫސުމުގައި ކުރިމަތިވެދާނެ ޞިއްޙީ މައްސަލަތަކުން ޙައްޖުވެރިން ސަލާމަތް ކުރުމަށް އިތުރު 6،000 މީހުން ސައުދީ ހެލްތް މިނިސްޓްރީން ތަމްރީނުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި ރޯގާއިން ސަލާމަތްވާން އަޅަންޖެހޭ ފިޔަވަޅުތަކާއި ސާފުތާހިރުކަން ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފަދަ މުހިންމު ކަންކަމުގެ މައުލޫމާތު އެމީހުންނަށް ފޯރުކޮށްދީ ތަމްރީނުކޮށްފައިވާ ކަމަށެވެ.
ހައްޖަށްދާ މީހުންގެތެރޭގައި ހަކުރުބަލި، ލޭމައްޗަށް ދިއުން، ހިތުގެ ބަލިތައް ފަދަ ގިނަ އަދަދެއްގެ ޢާންމު ބަލިތަކުގައި އުޅޭމީހުން ހިމެނޭތީ އެފަދަ ބަލިމީހުން ކުރިއާލައި ހޭލުންތެރި ކުރުވުމަށް ވެސް ހެލްތް މިނިސްޓްރީން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެންމެ ގިނައިން މީހުން ޖަމާވާނެ ތަންތަން ކަމަށްވާ މައްކާ، މަދީނާ، އަރަފާތް، މިނާ އަދި މުޛްދަލިފާގައި ޞިއްޙީ ކަންކަން ބެލެހެއްޓުމަށް މިހާރުވެސް ވަނީ ޚާއްޞަ ސަމާލުކަމެއް ދީފައެވެ. އެގޮތުން އިމަރޖެންސީ ހާލަތުގައި އެންމެ ޒަމާނީ ފަރުވާ ދެވޭނެ ޕެރަމެޑިކަލް އެމްބިޔުލަންސްގެ އެތައް ސަތޭކަ އެމްބިޔުލާންސްތައް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފައެވެ.
ހައްޖުވެރިންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކުވެސް 22،000 މީހުން ޞިއްޞީ ޚިދުމަތްތެރިންގެ ގޮތުގައި ހަރަކާތްތެރިކުރުވައެވެ. މިއެންމެންގެ މުސާރައާއި ހުރިހައި ކަންކަން ބަލަހައްޓަނީ ހެލްތް މިނިސްޓްރީންނެވެ.
ހައްޖަށްދާ މީހުން އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމުގެ ތެރޭގައި ކާބޯތަކެތީގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި ވީހައި ގިނައިން މަސްކް އަޅައިގެން އުޅުން ފަދަ ކަންކަމަށް ހޭލުންތެރިވުމަށް ހެލްތް މިނިސްޓްރީން ދަނީ އެދެމުންނެވެ.