"އެލިފަންޓިއާސިސް" ބަލީގެ ސަބަބުން ދިގު މުއްދަތެއްގައި އެނދުގައި އޮންނަން ޖެހިފައިވާ ޤްރްއާން މުދައްރިސަކަށް ފަރުވާ ކުރެވޭނެ އިންތިޒާމް މަދީނާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ސަލްމާން ހަމަޖައްސަވައިދެއްވައިފި އެވެ.
އުމުރުން 35 އަހަރުގެ ޢުޘްމާން އަލް-އަރްކާނީ އަކީ މަދީނާގެ ސްކޫލެއްގައި ޤްރްއާން މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ. ނަމަވެސް މިބަލި ޖެހި ދެފައި ވަރަށް ބޮޑަށް ދުޅަވުމުން އޭނާއަށް އޮންނަންޖެހިފައިވަނީ އެނދުގައެވެ.
ޢުޘްމާނަށް ފަރުވާ ނުކުރެވި ލަސްވީ މިބަލީގެ ފަރުވާގެ ޚަރަދުބޮޑުކަމުންނާއި ޚަރަދުކުރާނެ ފަރާތެއްގެ ޔަޤީންކަން ނެތި ހޮސްޕިޓަލުތަކުން ބަލައިނުގަންނާތީއެވެ.
ޕްރިންސް ފައިޞަލް ވަނީ އޭނާއަށް ފަރުވާކުރަން ކުރަންޖެހޭނެ ހުރިހައި ޚަރަދެއް ސަލްމާން ރަސްގެފާނުގެ ގަނޑުވަރުން ކުރުމަށް އަމުރުފުޅެއް ނެރުއްވައި ދެއްވައިފައެވެ. އަދި މިހާރު އޭނާ ވަނީ ކިންގ ޢަބްދުﷲ ހޮސްޕިޓަލަށް އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފައެވެ.
މިއީ ފަރުވާ ހޯދޭ ބައްޔެކެވެ. ނަމަވެސް ފަރުވާ ހޯދެނީ ގިނަ އޮޕަރޭޝަންތަކެއް ކޮށްގެންނެވެ. އެހެންކަމުން ދިގު މުއްދަތެއްގައި ހޮސްޕިޓަލުގައި އޮންނަން އޭނާއަށް ޖެހޭނެއެވެ.
ޢުޘްމާން ބުނީ ދެފައި އެހައިވަރަށް ދުޅަވުމުގެ ސަބަބުން އެނދުގައި އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި އޭނާއަށް ފަރުވާލިބޭނެ ގޮތް މާތްﷲ މިންވަރުކުރެއްވެވުމުން މާތްﷲ އަށް ޙަމްދުކުރާ ކަމަށެވެ. އަދި އެކަމުގައި މެދުވެރި ކުރެއްވެވި ޕްރިންސް ފައިޞަލްއަށް ޝުކުރު ދަންނަވާ ކަމަށެވެ.