ޔަހޫދީ ޖަލުތަކުގައި ތިބި 700 އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުންގެ ކުށެއް ފެނޭތޯ އަދިވެސް ހޯދަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ޔަހޫދީ ޖަލުތަކުގައި ތިބި 700 އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުންގެ ކުށެއް ފެނޭތޯ އަދިވެސް ހޯދަނީ
ޔަހޫދީންގެ ޖަލުތަކުގައި އެކި ނަންނަމުގައި 7500 އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ބަންދުކޮށްފައި އެބަތިއްބެވެ. އެއިގެ ތެރެއިން 700 އަށްވުރެ ގިނަ މީހުން ބަންދުކޮށްފައި ތިބީ ކީއްވެގެންކަން ޔަހޫދީ ސިފައިންނަކަށްވެސް ނުއެނގެއެވެ.

އިޒްރޭލުން ބުނަނީ ކުށްވެރިއެއް ކަމަށް ތުހުމަތު ކުރެވޭނަމަ ފަލަސްޠީނުގެ ކޮންމެ ރައްޔިތަކުވެސް ބަންދުގައި ބެހެއްޓިދާނެ ކަމަށެވެ. އަދި އޭނާގެ ކުށެއް ފެނޭތޯ ހޯދަން ކިތަންމެ ދިގު މުއްދަތެއްވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

ބަންދުގައި ހުރި ބިލާލް ޚާއިދަކީ ވެސް ބަންދުކޮށްފައި ހުރި މީހެކެވެ. އޭނާގެ ކުށެއް އަދިވެސް ނުދެއްކައެވެ. ބުނަނީ ކުށް ހޯދަމުން ގެންދާ ކަމަށެވެ.

މިކަމާއި ގުޅިގެން ބިލާލް ހައިހޫނުކަމުގެ ހަޅުތާލު ކުރަމުން ގެންދާތާ މިހާރު 2 މަހަށްވުރެ ގިނަވެއްޖެއެވެ. އެމްނެސްޓީ އާއި ތަފާތު ޖަމާއަތްތަކުން އިޒްރޭލަށް ގޮވަމުން ގެންދަނީ އޭނާގެ މައްޗަށް ދައުވާ އުފުލުމަށެވެ. ނުވަތަ މިނިވަން ކުރުމަށެވެ. ނަމަވެސް އެތަނުން އެއްވެސް ކަމެއް ކުރާކަށް އިޒްރޭލުން ބޭނުމެއް ނުވެއެވެ.

ފަލަސްޠީނުގެ ސަރުކާރުން ބުނަނީ އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ފެނާއި ހަކުރާއި ލޮނު ބޭނުން ކުރަމުން އަންނާތީ އޭނާގެ ލޮލުގެ ފެނުމަށް އަސަރުކުރަން ފަށާފައިވާ ކަމަށެވެ. އަދި ކިޑްނީވެސް ފެއިލްވަމުން އަންނަ ކަމަށެވެ.

ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން މިފަދަ ނިކަމެތި ހާލަތުގައި އުޅެމުން ގެންދާއިރު ދުނިޔޭގެ ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާކުރާ އެމެރިކާއިން ގެންދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އަނިޔާވެރިވުމަށް އިޒްރޭލަށް ހިތްވަރުދީ އެހީތެރިވަމުންނެވެ.
މިއަދު އޮންލައިން