އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޝާހް ރުކް ޚާން 3 ވަނަ ފަހަރަށް އެމެރިކާއިން ހިފަހައްޓައިފިއެވެ. މިފަހަރު ހިފެހެއްޓީ ލޮސް އެންޖަލްސް އެއާޕޯޓުންނެވެ.
ޝާހް ރުކް މިފަހަރު ވެސް ހިފަހައްޓާފައިވާއިރު ހިފެހެއްޓި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެމެރިކާގައި ހުރި އިންޑިއާ އެމްބަސީން ބުނީ މިފަދަ ކަންކަން ތަކުރާރުވިއަ ނުދިނުމަށް މަސައްކަތްކުރާ ކަމަށެވެ.
ޝާހް ރުކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދުނިޔޭގައި ސަލާމަތީ މައްސަލަތައް ހުރި ގޮތް އެނގޭ ކަމަށެވެ. ނަމަވެސް އެމެރިކާއަށް ދާ ކޮންމެ ފަހަރަކު އިމިގްރޭޝަނުން ހިފަހައްޓާތީ ކަންބޮޑުވާ ކަމަށެވެ.
އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ މިކަމާ ކަންބޮޑުވުން ފައުޅުކޮށްފައެވެ. އެމެރިކާއަކީ މިފަދަ ކޮންމެ ކަމެއް ދިފާއުކުރާ ޤައުމަކަށްވާތީ ނިޝާ ބިސްވާލް ބުނީ އެމެރިކާގެ ޑިޕޮލޮމެޓުންވެސް ބައެއް ހާލަތްތަކުގައި ހިފަހައްޓާ ކަމަށެވެ.
އިރުކޮޅެއްފަހުން "އަތަށް ގޮވައިފާނެހެން" ހީީވީމާ އިންޑިއާގައި ހުންނަ އެމެރިކާ ސަފީރު ޓްވީޓްކޮށްފައި ބުނީ އެއާޕޯޓުގައި ދިމާވި އުނދަގުލަށް މަޢާފަށް އެދޭ ކަމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ. "ކަލޭގެ މަސައްކަތަށް އެތައް މިލިއަން މީހުން ތައުރީފްކުރޭ. އެމެރިކާގެ ރައްޔިތުންނާއިވެސް އެކު."
ޝާހް ރުކް އެމެރިކާއިން ފުރަތަމަ ފަހަރު ހިފެހެއްޓީ ނިވާކް އެއާޕޯޓުގައި 2009 ވަނަ އަހަރު އެވެ. އެފަހަަރު ޝާހް ރުކް އަށް ސަލާމަތްވެވުނީ އެމެރިކާ އެމްބަސީން އެކަމުގެ ތެރެއަށް ވަދެގެންނެވެ.
ދެވަނައަށް ހިފެހެއްޓީ 2012 ވަނަ އަހަރު އެވެ. އެފަހަރު ހިފެހެއްޓީ ނިޔުޔޯކް ކައިރީ އޮންނަ ވައިޓް ޕްލޭންސް އެއާޕޯޓްގައެވެ.
އެމެރިކާއިން ވަނީ ދުނިޔޭހެ ތާއީދާއި ލޯބި ހޯއްދަވާފައިވާ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލްކަލާމް ވެސް ހިފަހައްޓައިފައެވެ. އަދި އެމަނިކުފާނުގެ ޖެކެޓް ކޮޅާއި ބޫޓުކޮޅުވެސް ވަނީ އަތުލައިގެން ގެންގޮސް ޗެކުކޮށްފައެވެ. އެހުރިހައި ކަމެއް ކުރުމަށްފަހު ސޮރީ ބުނެ ނިންމާލައިފައެވެ.