އެމެރިކާއިން ހިންގާ "ދުނިޔެމަތީގެ ނަރަކަ" ކަމަށްވާ ގުއަންޓަނަމޯބޭ ޖަލުގައި ތިބި 15 ޤައިދީއަކު ޔޫއޭއީން ބަލައިގެންފިއެވެ.
މީގެ ތެރޭގައި ހިމެނެނީ ޔަމަނުގެ 12 މީހަކާއި އަފްޣާނިސްތާނުގެ 3 މީހެކެވެ. 14 އަހަރުވަންދެން ބަންދުގައި ބައިތިއްބައި މި 15 މީހުންނަށް ވަނީ ބޮޑެތި އަނިޔާތައް ކޮށްފައެވެ.
ޔޫއޭއީ އިން ބުނީ އެމީހުން ބަލައިގަތީ އިންސާނިއްޔަތަށްޓަކައި ކަމަށެވެ. އަދި އެމީހުންގެ ހާލަތު ދެނެގަތުމަށްފަހު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.
ޔޫއޭއީ އިން މިމީހުން ބަލައިގަތުމުން އެމެރިކާއިން ވަނީ އެކަމަށް ތައުރީފްކޮށް ޝުކުރު އަދާކޮށްފައެވެ.
ބައެއް ނޫސްތަކުގައި ބުނާގޮތުން އެޖަލުން ނެރޭ މީހުންނަށްވުރެ ބޮޑަށް ފަރުވާކުރަންޖެހިފައިވަނީ ޖަލު ބަލަހައްޓާ ސިފައިންނަށެވެ. އެމީހުންނަކީ އިންސާނުންނަށް ބޮޑެތި އަނިޔާތައް ކުރުމަށާއި މީހުން މެރުމަށް ދެވިހިފާފައި ތިބި ބައަކަށްވާތީއެވެ.