ޕާކިސްތާނުގެ ޕިޝާވަރު ސަރަހައްދުގެ ފަރުބަދަމަތީ ރަށެއްގައި ސެލްފީ ނަގަން އުޅެނިކޮށް ކޯރަށް ވެށްޓުނު 11 އަހަރުގެ އަންހެން ދަރިފުޅު ސަލާމަތްކުރަން މަސައްކަތްކުރުމުގެ ތެރޭގައި މަންމަ އާއި ބައްޕަވެސް މަރުވެއްޖެއެވެ.
ދެމަފިރިންނަކީ ޕަންޖާބްގެ ދެ ޑޮކްޓަރުންނެވެ. އެތަނަށް ގޮސް އުޅުނީ ޢާއިލާ އެކުގައި ޗުއްޓީ ހޭދަކުރުމަށެވެ.
ފުލުހުން ވަނީ މަންމަ އާއި އަންހެން ދަރިފުޅުގެ ހަށިގަނޑު ހޯދައިފައެވެ. ނަމަވެސް ބައްޕަގެ ހަށިގަނޑު އަދިވެސް ނުފެނެއެވެ. ޢާއިލާއިން ސަލާމަތްވި 9 އަހަރުގެ އަންހެންދަރިފުޅާއި 6 އަހަރުގެ ފިރިހެން ދަރިފުޅު ވަނީ ސަލާމަތް މަރުކަޒަކަށް ގެންގޮސްފައެވެ. ފުލުހުން ދަނީ ދެބެން އާއިލާ އާއި ހަވާލުކުރަން މަސައްކަތްކުރަމުންނެވެ.
އަންގާރަ ދުވަހު މިހާދިސާ ހިނގަން މެދުވެރިވީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ، 200 މީޓަރު އުހުގައި އޮންނަ ބީސްލަން ވިލެޖުގައެވެ.
އަންހެން ކުއްޖާ މަސައްކަތްކުރީ ފާލަން ދަށުން ބާރު ސްޕީޑުގައި ފެން ދެމޭ ކޯރެއް އަރާގޮތަށް ސެލްފީއެއް ނެގުމަށެވެ. އެކަމުގައި އުޅެނިކޮށް ފާލަމުން ފުރޮޅާލައިގެން ކޯރަށް ވެށްޓުމުންނެވެ.
އަންހެން ދަރިފުޅު ސަލާމަތްކުރަން ފުރަތަމަ ފުންމައިލީ މަންމައެވެ. މަންމަގެ ފަހަތުން ބައްޕަ ފުންމައިލީ ގެނބެން ފެށުމުން ދެމައިން ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ފުންމާލި ނަމަވެސް ފެންގަނޑު ދެމެމުންދިއަލެއް ބާރުކަމުންނާއި ކޯރުގައި ހުރި ބޮޑެތި ހިލަތަކުގެ ތެރެއިން އެކަކަށްވެސް ސަލާމަތް ނުވެވުނީއެވެ.
ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މިފަދަ ނުރައްކާތެރި އެތައް ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.